ޚަބަރު

ވަޒީރުންނަށް ރުހުން ނުދިނުމަކީ ޒާތީ ކަމެއް: ބަންޑާރަ ނައިބު


  • ރުހުން ނުދޭން އުޅެނީ ސަރުކާރު ބަލިކަށިކޮށްލަން

  • ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ބަލިކަށި ނުކޮށްލެވޭނެ

  • އިދިކޮޅުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމަށް ބުނެފައި

ވަޒީފާގެ ޙައިސިއްޔަތުން ނިންމަވާފައިވާ އެއްވެސް ނިންމެވުމަކާއި ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ބައެއް މެންބަރުން ދައްކާ ވާހަކަތަކާއި ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ޒާތީ ކަމެއް ކަމަށެވެ. އަދި ރުހުން ނުދޭން އުޅުމަކީ ޒާތީކަމެއް ކަމަށާއި، މިއީ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާކަމެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދޭން އުޅުނުނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަލިކަށިނުކޮށްލެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ބަލާ ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅާފައެވެ. މިރިޕޯޓަށް 30 މިނެޓު ބަހުސްކޮށްފައިވެއެވެ. ބަހުސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި، ޑިމޮކްރެޓްސްގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްގެ ވާހަކައިގައި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީތަކުން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މި ބަހުސްގައި ޕީއެންސީގެ ފަރާތުން ވާހަކަދައްކަވަމުން މިއަދު އައްޔަންކުރެވުނު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށެވެ. އަދި ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާއަކު ހުށަހެޅުއްވި އެއްވެސް ކެބިނެޓަކަށް ރުހުން ނުދީފައި ނެތްކަމަށާއި، ޑިމޮކްރަސީގެ ރީތި ހަމަތަކަކީވެސް ވަޒީރުންނަށް ރުހުން ދިނުން ކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.