އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގަދަ އަށަކުން އެންގޯލާ އާއި ނައިޖީރިއާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި ގަދަ 16 ބުރުގައި އެންގޯލާ ވަނީ ނެމީބިޔާގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދާފައެވެ.
ދެ ރަތްކާޑު ފެނުނު މި މެޗުގައި ފުރަތަމަ ހާފުގައި ފެނިގެންދިޔަ ދެ ރަތްކާޑުގެ ތެރެއިން ފުރަތަމަ ކާޑު ދެއްކީ މެޗުގެ 17 މިނެޓުގައި އެންގޯލާގެ އިޕްރިއާނޯ ދަ ކުރޫޒްއަށެވެ. މައުންޑޯ ޑަލާގެ ލަނޑުން އެންގޯލާއިން މެޗުގެ 38 ވަނަ މިނެޓުގައި ލީޑު ނެގިއިރު އެންގޯލާއަށް ޑަލާ އިތުރަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މި ލަނޑު ޖެހުމުގެ ދެ މިނެޓު ކުރިން ނެމީބިޔާގެ ލުބޭނީ ހައުކޮންގޯއަށް ވާނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. މެޗު 66 ވަނަ މިނެޓުގައި އެންގާލޯ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މަބުލޫލޫއެވެ. ނައިޖީރިއާ އިން ގަދަ އަށެއްގެ ޖާގަ ކަށަވަރުކުރީ އެޑެމޯލާ ލޫކްމަން ކާމިޔާބުކުރި ދެ ލަނޑާއެކު ކެމަރޫންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ގަދަ އަށެއްގައި އަންނަ ހުކުރު ދުވަހު އެންގޯލާ ނިކުންނާނީ ނައިޖީރިއާ އާއި ދެކޮޅަށެވެ.