ޚަބަރު

ސެންޓްރަލް ޕާކުގެ ފުރަތަމަ ފިޔަވަހި ނިމި އާންމުންނަށް ހުޅުވާލަނީ


ހުޅުމާލެ ސިޓީ ތަރައްޤީ ވެގެން އަންނައިރު އެތަނުގެ ހިތްގައިމުކަން ފެނިގެންދާ އެއްތަނަކީ އެ ސިޓީގެ މެދަށްވާގޮތަށް ހަދާ ސެންޓްރަލްޕާކެވެ.

އެޗްޑީސީން ތަރައްޤީކުރާ މި ޕާކަކީ ތަފާތު ކޮންސެޕްޓްތައް ހިމަނައިގެން ހަތަރު ސެކްޓަރއަކަށް ތަރައްޤީކުރާ ތަނެކެވެ. 8 ހެކްޓަރުގެ ބިން ސެންޓްރަލް ޕާކްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު މިހާރު މަސައްކަތް ކުރިއަށްދަނީ އެތަނުގެ ލެޝަރ އޭރިއާ ނުވަތަ މީހުން ހިތްހަމަޖައްސާލަން މަޑުކޮށްލާ ހިތްގައިމު ޕާކުގެ މަސައްކަތެވެ. އެގޮތުން ބެންޗްތަކާއި، ފައުންޓެއިންވެސް ހިމަނައިގެން އެ އޭރިއާގައި ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

img:http://s4.psmnews.mv/images/660x400/14607457845156.jpg|ހުޅުމާލޭ ސެންޓްރަލް ޕާކް- ފޮޓޯ: އެޗްޑީސީ

ފުރަތަމަ ސެކްޓަރގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު، އެތަން މި މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލާނެކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ. މީގެ އިތުރުންވެސް އައުޓްޑޯރ ޖިމްއަކާއެކު ސެންޓްރަލް ޕާކްގެ ވަކި ސަރަޙައްދެއް ތަރައްޤީކުރުމަށް ނިންމައި އެތަނަށް ބޭނުންވާ ތަކެތި އެތަނަށް މިހާރު ގެންނަމުންދާ ކަމަށްވެސް ސައިމަން ވިދާޅުވިއެވެ. އަދި މި އައުޓްޑޯރ ޖިމްވެސް މެއިމަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށާއި، އެތަނުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަސްރަތުކުރުމުގައި އިތުރު ފަސޭހަތަކަކާއި ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން ދިވެހި ސަޤާފަތާއި އާދަކާދަ  ދައްކުވައިދޭ ސަރަޙައްދެއްވެސް ސެންޓްރަލް ޕާކުގެތެރޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށްވެސް ސައިމަން ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ، ސެންޓްރަލް ޕާކްގެ 4 ސެކްޓަރގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ، ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަމާލުކަން ދަމައިގަންނަފަދަ ތަނަކަށް ކަމަށެވެ.

ހުޅުމާލެ ބޮޑު ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާއިރު، އެތަނުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ތަފާތު އެކި މަޝްރޫއުތައްވެސް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވެއެވެ.