ރާއްޖޭގެ ކުޅިވަރަށް މި ވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ މުބާރާތްތަކެއް ބޭއްވޭނެ ގޮތަށް ވަސީލަތްތައް ގާއިމުވެފައި ނެތުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާފިޢު ވިދާޅުވީ ވަސީލަތްތަކުގެ ދަތިކަމާހުރެ ރާއްޖޭގައި ބާއްވާ ގިނަ މުބާރާތްތައް ތާވަލުކުރުން ލަސްވެގެންދާ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން އިންޑޯގައި ކުޅޭ ކުޅިވަރުތައްވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ރާއްޖެއިން ކުޅެމުން ދަނީ އައުޓްޑޯގައި ކަމަށެވެ. އެގޮތުން މާލޭ އޭރިއާއަށް ބެލިކަމުގައި ވިޔަސް ރަނގަޅު ފެންވަރުގެ ތަނަކަށް ފެންނަނީ ހަމައެކަނި ސޯޝަލް ސެންޓަރު ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ 33 އަހަރު ރާއްޖޭގައި މަލްޓި ސްޕޯޓްސް ކުޅޭވޭ އެންމެ ތަނެއް އޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެއީ މިވަގުތަށް ބަލާއިރު ދިމާވާ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ޗެލެންޖެއް. ގިނަ ބަޔަކަށް ކުޅިވަރު ކުޅެވޭނެ، ނުވަތަ މުބާރާތްތަކެއް ބޭއްވޭނެ ގޮތަށް އަޅުގަނޑުމެންގެ ފެސިލިޓީސް ބައްޓަންވެފައި ނެތުން. އެއީ އެންމެ ބޮޑު ޗެލެންޖަކަށް މިވަނީ.ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރައިގެންދާ ކުޅުންތެރިން ވާދަކުރާ މުބާރާތްތައް ރާއްޖޭގައިވެސް ބޭއްވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށާއި، ހަމަ އެގޮތަށް ރާއްޖެއަކީވެސް އެހެން ގައުމުތަކުން ފުރައިގެން މުބާރާތްތަކަށް އަންނަ ގައުމަކަށް ވާން ޖެހޭ ކަމަށެވެ. މުޅި ރާއްޖެއަށް މި ގޮތަށް ބައިވެރިވެވޭނެ ބައިނަލްއަގުވާމީ އިވެންޓުތައް ބާއްވަން އިންތިޒާމުކުރަން ބަލާއިރު، ރާއްޖޭގައި މިވަގުތު ހުރީ ވަރަށް ލިމިޓެޑް ވަސީލަތްތައް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ފެސިލިޓީސް ބައްޓަން ކުރެވިގެންދާނީ ރީޖަންގައި ބާއްވާ މުބާރާތްތައްވެސް ރާއްޖޭގައި ހޯސްޓުކުރެވޭ ގޮތަށް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ދަށުން ރާއްޖޭގައި ގާއިމުކުރާ ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސް މަސައްކަތުގެ ބިންގާ އަންނަ މަހު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ނިމިދިޔަ ހަފުތާ ބަންދުގައި ކުރިއަށްދިޔަ "އަހާ" ފޯރަމްގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.