ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ދިވެއްސަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގައި މަރުވެފައިވަނީ ޏ.ފުވައްމުލައް ފުނާޑު، އަޒުމް، ޢުމުރުން 23 އަހަރުގެ ނަޒީލް އިބްރާހިމެވެ. އޭނާ ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީއެސްއެމްނިއުސް އަށް މައުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވީ، ނަޒީލް މޫދަށް އެރިފައިވަނީ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ގެނބުނު މަންޒަރު ފެނިފައިވަނީ އެވަގުތު އެ ސަރަހައްދުގައި ޑައިވިން މަސައްކަތްކުރުމަށް ދޯނިތަކެއްގައި ތިބި ބަޔަކަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ ނަޒީލް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަކަމަށްވެސް މައުލޫމާތު ލިބފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.