މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ، ކުރީގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅުން ހިމެނޭގޮތަށް ގިނަ ބަޔަކު ކަށަވަރުކޮށްފިއެެވެ.
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. ވޯޓްލުމަށް ކަނޑައެޅި ވަގުތުހަމަވިއިރު، ދެތިން ފޮއްޓެއް ފިޔަވައި ހުރިހާ ފޮއްޓެއްގެ ވޯޓްލުން ވަނީ ނިމިފައެވެ.
އަންނަ މާޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރާ 93 ދާއިރާގެ ތެރެއިން ޕީޕީއެމް ޕީއެންސީގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި 13 މީހަކަށް ލިބިފައިވެއެެވެ. އެ ފަރާތްތަކަށް ޓިކެޓް ކަށަވަރުވީ އިތުރު ބަޔަކު އެ ދާއިރާތަކަށް ވާދަނުކުރުމުންމެވެ. މީގެއިތުރުން 3 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަނުކުރުމަށްވެސް ވަނީ ނިންމާފައެވެ. އެހެންކަމުން މިއަދު ޕީޕީއެމް ޕީއެންސީން ޕްރައިމަރީ ބާއްވާފައި ވަނީ 73 ދާއިރާއަކަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި 283 މީހަކު ވާދަކުރިއިރު، އޭގެ ތެރޭގައި 32 އަންހެނުން ހިމެނެއެވެ. އަދި މި ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ރަށްތައް ހިމެނޭހެން 227 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާ ލިބިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނާއި، މިހާރުވެސް ތިއްބެވި މެމްބަރުން ވަނީ ޓިކެޓް ކަށަވަރުކޮށްފައެވެ. އަދި ކައުންސިލަރުންގެ ތެރެއިންވެސް ބައެއް ބޭފުޅުން ވަނީ މަޖިލިސް ޓިކެޓް ކަށަވަރުކޮށްފައެވެ. މީގެއިތުރުން ސިޔާސީ ދާއިރާއަށް މުޅިން އައު ބޭފުޅުންތަކެއްވެސް ވަނީ ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރުކޮށްފައެވެ.
ޕީޕީއެމް ޕީއެންސީން ބުނާގޮތުން ޕްރައިމަރީގެ ދާއިމީ ނަތީޖާ ކުރިއަށް އޮތް ހަފްތާހާއެއް ދުވަހުގެ ތެރޭގައި އިއުލާންކުރާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗުމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެހެން ޕާޓީތަކުންވެސް ދަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.