ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަމަހުގެ 17 ވަނަ ދުވަހުއެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަމަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. އަދި ޕާޓީގެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އެމްޑީޕީން މިއަދު ވަނީ އާއްމުކޮށްފައެވެ.
ދާއިމީ ވޯޓާސް ލިސްޓް އެމްޑީޕީން އާއްމުކޮށްފައިވަނީީ ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށައެޅުމަށް މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލުމަށްފަހުއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ މެމްބަރުންނަށް ހުޅުވާލި މުއްދަތު ހަމަވިއިރު 36 ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ހުށަހަޅާފައިވާތީ އެ ފަރާތްތަކަށް ވަނީ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ.
36 މީހަކަށް ޕްރައިމަރީއަކާއި ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވުމާއެކު އަންނަމަހުގެ 3 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގައި ކެނޑިޑޭޓުން ކަނޑައަޅާނީ 43 ދާއިރާއަކަށެވެ.