ޚަބަރު

ޣައްޒާގެ މޫސުން ގޯސްވެ ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ހިތްދަތިކަން


ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުން ހުއްޓައިލުމަށް އ.ދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ން ޔަހޫދީންގެ މައްޗަށް އަމުރު ކުރުމުން ވެސް، އެ އަމުރަށް ނުކިޔަމަންތެރި ކަން ދައްކައި، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ވަރުގަދަ ކުރަމުން އެބަދެއެވެ. ޣައްޒާއަށް ބޮންއެޅުން އިތުރު ކޮށްފައިވާ މި ދަނޑިވަޅުގައި، އެ ސަހަރަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހެމުން ދިޔުމާ އެކު، ފަލަސްޠީނުގެ ރައްޔިތުންނަށް ވަނީ އިތުރު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިފައެވެ.

ޢައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު ބަޔެއް މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކާއި ޓެންޓުތަކުގައެވެ. ޔަހޫދީ ފައުޖުން ވަނީ އެ މީހުންގެ ގެދޮރުން އެ މީހުން ފައްސައިލާފައެވެ. އެ މީހުންގެ ގެދޮރަށް ބޮންއަޅައި، އެ ތަންތަން ވަނީ ސުންނާފަތި ކޮށްލާފައެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ވެހޭހާ ވާރެއިން ރައްކާތެރިވެވޭނެ މިންވަރު ވެސް ނެތި، ނިމަމެތި ކަމުގައެވެ. ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ޔަހޫދީން ހުރަސް އަޅަމުންދާތީ، އެ މީހުން ތިބީ ނުކައިނުބޮއި ހައިހޫނު ކަން މަތީގައެވެ.

ޔަހޫދީ ފައުޖުގެ އެންމެ ވަރުގަދަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށެވެ. ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާ އެކު އެ ރަށް ވަށައިލާފައެވެ. އެ ރަށުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ބުނީ، ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި އެ ރަށަށް ޙަމަލާ ދެމުންދާ ކަމުގައެވެ. ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޚާން ޔޫނިސްގައި ހުންނަ މައި ދެ ހަސްފަތާލު ހުންނަ ސަރަޙައްދަށެވެ. ޙަމާސް ޖަމާޢަތާއި އިސްލާމިކް ޖިހާދު ޖަމާޢަތުގެ މުޖާހިދުން ދަނީ އެ ރަށް ދިފާޢު ކުރަން މަސައްކަތް ކުރަމުންނެވެ.

ޚާން ޔޫނިސްގެ އަލް-ނާޞިރު ހަސްފަތާލާއި އަލް-އަމަލް ހަސްފަތާލު ހުންނަ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އެ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ، ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކާ އެކު، އެ ހަސްފަތާލުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން އެހެން ޞިއްޙީ ޚިދުމަތްތެރިންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ އެކި ޙަމަލާތަކުގައި 174 ވަނީ ޝަހީދު ކޮށްލާފައެވެ. މިއާ އެކު، އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 26,257 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 65,000 އަށް އުފުލިފައެވެ. ނަމަވެސް، ޣައްޒާގެ ހަސްފަތާލުތަކަށް ބޮން އަޅަމުން ދިޔުމާއި، ބޭސްފަރުވާގެ ސާމާނު ހުސްވުމާ ގުޅިގެން، އެ މީހުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެވޭނެ ގޮތެއް ނެތެވެ.