ޚަބަރު

ކޯޓުގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ ރައީސް ގޮވާލެއްވީ ޤަތުލްޢާންމު ހުއްޓާލުމަށް


  • ކޯޓުގެ ނިންމުމާ އެއްގޮތަށް މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލެއްވި

  • ފަަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށް، ޙިމާޔަތްކުރުމަށްވެސް ގޮވާލެއްވި

  • ފަލަސްތީނުން މިނިވަން ދަޢުލަތް ޤާއިމުކުރެއްވުމަށްވެސް ގޮވާލެއްވި

ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާއި ޙަމަލާބަދަލުކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތައް ހުއްޓާލުމަށް އިސްރާއީލުގެ މައްޗަށް އ.ދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ން ކުރި އަމުރަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައިސީޖޭގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށާއި، ފަަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށް، ޙިމާޔަތްކުރުމަށް ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ފުރާނައެއްގެވެސް އަގެއް އޮންނަކަމަށާއި، އެހިމާޔަތް ކުރަންޖެހޭނެ ކަމަށެވެ. އަދި ބޮންއެޅުމާއި، ބިންތައް ފޭރުމާއި، ހަނގުރާމައިގެ މައިދާނެއްގައި އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމު ނުކުރެވޭނެކަމަށެވެެ.

އެހެންކަމުން 1967ގެ ކުރިން އޮތް ގޮތަށް ފަލަސްތީނުން މިނިވަން ދަޢުލަތް ޤާއިމުކުރެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ އައި.ސީ.ޖޭއަށް ހުށަހަޅާފައިވަނީ ދެކުނު އެފްރިކާއިންނެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އަޑުއުފުލަމުންދާއިރު، ދިވެހިންވެސް އަންނަނީ މި އަނިޔާވެރި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަމުންނެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ފައިސާ އެއްކުރުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

މި މައްސަލައިގައި ކޯޓުގެ ހުކުމް އިއްވާފައިވާއިރު، ދެކުނު އެފްރިކާއިން އެދިފައިވާ ގޮތަށް، ޔަހޫދީންގެ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމަށް ކޯޓުން އަމުރު ކޮށްފައެއް ނުވެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 26،000 ފަހަނަ އަޅާފައެވެ.

ދުނިޔޭގެ ކޯޓުގެ މި ހުކުމުން ދޭހަ ކޮށްދެނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ މުޅި ދުނިޔެ ވެސް ދެކޮޅު ކަމެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ދަނީ ޔަހޫދީންގެ ޢުދުވާން ކުށްވެރި ކުރަމުންނެވެ. ޢުދުވާން ހުއްޓައިލަން ގޮވައިލަމުންނެވެ. ނަމަވެސް، މި ގޮވައިލުންތަކަށް ޔަހޫދީން ދެމުން ދަނީ ބީރު ކަންފަތެކެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ނަސްލު ނައްތައިލަން ޔަހޫދީން ލާއިންސާނީ ޢުދުވާން ހިންގަމުން ދަނީ އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ. މި ޢުދުވާންތައް ހުއްޓުވަން މުޅި ދުނިޔެ ވެސް ވަނީ ނުކުޅެދިފައެވެ. އަދި، ގަތުލުއާންމުތައް ހުއްޓައިލަން ދުނިޔޭގެ ކޯޓުން ޔަހޫދީންގެ މައްޗަށް އަމުރު ކުރި ނަމަވެސް، އެ މީހުން މި އަމުރަށް ކިޔަމަންވާނެ ކަމަކަށް ނުބެލެވެއެވެ.