ޚަބަރު

އުޅަނދު ރަޖިސްޓްރީކޮށްދޭ އަދަދު ކަނޑައެޅުމުގެ ޤަވާއިދަށް ބަދަލު ގެންނަނީ


  • ވަޒީރު ވިދާޅުވީ އެސެސްމަންޓް ހެދުމުގެ އުސޫލު ލުއިކޮށްދެއްވާނެ ކަމަށް

  • 2 މަސް ތެރޭ އެމަސައްކަތް ކުރެއްވުމަށް ވަނީ ނިންމަވާފައި

ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި ސިޓީ އަދި ރަށު ކައުންސިލުތަކަށް ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދާދިނުމަށް، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އޮންނަގޮތުން ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެއެވެ.

ވަޒީރު ވިދާޅުވީ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓުގެ އަސާސީ މިންގަނޑުތަކާއި ގުޅިގެން، ސިޓީ އަދި ރަށު ކައުންސިލުތަކަށް މި ޤަވާއިދު ތަންފީޒުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިފައިވާކަމަށެވެ. ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ޤަވާއިދުގައި ހުރި ދަތިވާ ކަންކަން ބެލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ދަތިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސިޓީ އަދި ރަށު ކައުންސިލްތަކަށް ފަސޭހައިން އެ މަސައްކަތް ކުރެވޭނެގޮތަށް، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ޤަވާއިދަށް ބަދަލު ގެނެސް އާއްމު ކުރައްވާނެކަމަށް ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

ޤަވާއިދުގައި ބުނާ އެސެސްމަންޓްގައި މައިގަނޑު 22 ކަމަކާއި ގުޅޭގޮތުން ދިރާސާކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން އާބާދީ އިތުރުވާ މިންވަރާއި، މަގުތަކުގައި އުޅަނދު ދުއްވާ ސަރަޙައްދާއި ޕާކިން ސްލޮޓްގެ އަދަދާއި، މިހާރު އެރަށެއްގައި ހުރި އަދި ޤަވާއިދުން ބޭނުންކުރާ ވެހިކަލްގެ އަދަދާއި އާއްމު ދަތުރުފަތުރުގެ ނިޒާމު ބައްޓަންކުރެވިފައި އޮތް ގޮތުގެ އެސެސްމަންޓެއްވެސް ހަދަންޖެހެއެވެ.

މީގެއިތުރުންވެސް ވެހިކަލް އެތެރެކުރާ މިންވަރާއި، އެކި ބޭނުންތަކަށް ބޭނުންކުރާ އެއްގަމު އުޅަނދުތައް ބެހިފައވާ ގޮތުގެ އެސެސްމަންޓްވެސް ހިމެނެއެވެ. މީގެ ސަބަބުން، މި މަސައްކަތް ކުރިއަށްގެންދިއުމުގައި ކައުންސިލްތަކަށް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ޤަވާއިދަށް ގެންނަ ބަދަލާއެކު މަސައްކަތް ފަސޭހަވެގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އެންމެ ބޮޑީ ވެރިރަށް މާލެއަށެވެ. މާލެ ސިޓީގެ އައު މޭޔަރ ޢާދަމް އާޒިމް ވިދާޅުވެފައިވަނީ އެންމެ އިސްކަން ދެއްވައިގެން ކުރިއަށްގެންދަވާނެ އެއްމަސައްކަތކީ މާލޭގައި ވެހިކަލް ލިމިޓްކުރުމުގެ މަސައްކަތްކަމަށެވެ. އަދި އޭގެ މަޝްވަރާތައް ކަމާގުޅުންހުރި ފަރާތްތަކާއެކު ފަށްޓަވާފައިވާކަމަށާއި، ކުރިއަށް އޮތް 6 މަސް ތެރޭގައި މާލޭގެ ވެހިކަލް ލިމިޓާއި، އުމުރު ކަނޑައަޅުއްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.