ޚަބަރު

ރުޅި މަޑުކަމުގެ ރީތި ނަމޫނާތަކެއް މިހާރު ނުފެނޭ، ފެންނަނީ ބަދަލުހިފުމުގެ ރޫޙު: ހުކުރު ޚުޠުބާ


  • މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ރުޅިމަޑުކުރުން"

  • ރުޅި މަޑުކުރުން އެހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަމަށް

  • ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއްކަމަށް

ރުޅި މަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށް މިއަދު ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފަވަނީ "ރުޅިމަޑުކުރުން" މި މަޢުޟޫއަށެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ ރުޅި މަޑުކުރުން އެހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަމަށެވެ. ރުޅިމަޑުކަމަކީ، މާތް ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބިފުޅުވާ ސިފައެއްކަމަށް ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމަށާއި، އެހެންކަމުން ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނަށްވެސް ކޯފާ އިސް ނުކުރެއްވުމަށް ވަޞިއްޔަތް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ މިއަދު އަހަރެމެންގެ ތެރެއިން، ރުޅި މަޑުކަމުގެ ރީތި ނަމޫނާތަކެއް ނުފެނެއެވެ. ފެންނަނީ ބަދަލުހިފުމުގެ ރޫޙު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ވަރުގަދަ މީހަކީ، ހިފާ ބަލިކުރާމީހާއެއް ނޫނެވެ. އެހެނަސް ވަރުގަދަ މީހަކީ، އޭނާގެ ގާތަށް ރުޅި އަންނަހިނދު، ނަފްސު ކޮންޓްރޯލްކުރާ މީހާއެވެ." ކީރިތި ރަޞޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ހަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

ޚުތުބާގައި ވިދާޅުވީ ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވަން ކަމަށެވެ. އެއީ މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"މުސްލިމް އަޚުންނޭވެ! އިސްލާމީ އުއްމަތުގެ މާޒީ އޮތީ މި ގޮތަށެވެ. އެއީ ރުޅި އިސްނުކުރާ، ޙިލްމުވެރި އުއްމަތެކެވެ. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް، އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެއެވެ. އެހެނަސް އެމީހުން ރުޅި އަންނާނީ، ﷲ އަށްޓަކައެވެ. ޙައްޤަށްޓަކައެވެ. ކީރިތި ރަސޫލާ އަކީ، އެކަލޭގެފާނުގެ އަމިއްލަފުޅު އެއްވެސް ކަމަކަށް ކޯފާވި ބޭކަލެއް ނޫންކަން" ޚުތުބާގައި ވިދާޅިއެވެ.

ޚުތުބާގައި ވިދާޅުވީ އިންސާނުން އަމިއްލަ ޝަޚްޞީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެކަމަށާއި، ގަނެ ވިއްކުމުގެ މުޢާމަލާތުގައި، ރުޅި އިސްކޮށްގެން ނުވާނެކަމަށެވެ. އިންސާނުން އުޅެންވާނީ އަވަދިނެތިވެ އިސްލާމް ދީނަށްޓަކައިކަމަށާއި، ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫންކަން ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ. އަދި މާތް ﷲ ގެ ޙަޟްރަތުގައި، ދުނިޔެއަކީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ.