ޚަބަރު

މަޖިލިސް ޕްރައިމަރީގައި 70،000އަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެ: ޕީޕީއެމް/ޕީއެންސީ


  • ވޯޓުލުން އޮންނާނީ ހެނދުނު 10އަކުން ހަވީރު 5އަކަށް

  • 90 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަކުރާނެ

  • ޕްރައިމަރީއާ ނުލައި 13 ދާއިރާއެއްގެ ޓިކެޓު ކަށަވަރުވި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓު ލެވޭނެކަމަށް އެކޯލިޝަނުން ބުނެފިއެވެ. މިޕްރައިމަރީގައި ވޯޓުލުމަށް 227 ފޮށި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ޕީޕީއެމް/ޕީއެންސީން ބުނީ އެ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 10އަކުން ހަވީރު 5 ޖެހުމާއި ހަމައަށް ކަމަށެވެ. އަދި ވޯޓުލުން ކުރިއަށްދާނީ މާލޭގައިނަމަ، ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައި ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރާއި، ހުޅުމާލެ ކާމިލްދީދީ ސްކޫލާއި، ރެހެންދި ސްކޫލްގައިވެސް ވޯޓުލުން ކުރިއަށްދާނެއެވެ. ހެންވޭރު ދަނޑުގައި ހުންނާނީ އަތޮޅުތަކުގެ ފޮށިތަކެވެ. އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ޚާއްޞަ ތަނެއްގައިކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ، ވޯޓުލުން ނިމުމުން ކޮންމެ ފޮށްޓެއްކައިރީގައިވެސް ވަގުތީ ނަތީޖާ އިއުލާންކުރާނެކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރާނެކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރުމަށް ވަނީ ނިންމާފައެވެ. 3 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަނުކުރާނެއެވެ. އެ 3 ދާއިރާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިިގިލި ދާއިރާއާއި، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުޙައްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާއެވެ.

ޕީޕީއެމް/ ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ފޯމު ހުށައެޅުއްވި 13 ބޭފުޅަކަށް ޕްރައިމަރީއާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފައެވެ. އެއީ އެންމެ ބޭފުޅަކު އެ ދާއިރާތަކަށް ފޯމު ހުށައެޅުއްވުމުންނެވެ.

މިފަހަރުގެ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ.