ޚަބަރު

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް ޞާލިޙް ފޮނުއްވައިފި


  • ޒަމާންވީ ގާތް ގުޅުން ފާހަގަކުރެއްވި

  • އިތުރަށް ގުޅުން ބަދަހިކުރުމަށް އެދިވަޑައިގެންނެވި

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެޤައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވައިފިއެވެ.

"އެކްސް"ގައި ރައީސް ޞާލިޙް ކުރެއްވި ޕޯސްޓެގައި ވަނީ، އިންޑިޔާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމުގެ ރައީސާއި، ބޮޑުވަޒީރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އިންޑިޔާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވާލާ، ޢަމަލުކުރަން ފެށި ދުވަހާއި ގުޅުވާއިގެންނެވެ. އެއީ 1950 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ. އަދި އެ ދުވަހަކީ އިންޑިޔާގެ ފުރަތަމަ ރައީސް ޑޮކްޓަރ ރަޖެންދްރާ ޕްރަސާދް، ރައީސްކަމުގެ ހުވާކުރެއްވި ދުވަހެވެ.