އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ސަރުކާރުން ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކުޅިވަރު ކޮމްޕްލެކްސްގަ އިޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަދެ ނިކުމެ އުޅުމަށް ފަސޭހަ ގޮތްތަކެއް އިންތިޒާމުކުރެވިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އިހާ" ފޯރަމުގައި ވާހަކަދައްކަވަމުން ރާފިޢު ވިދާޅުވީ މި ކޮމްޕްލެކްސްތައް ޑިޒައިން ކުރެވިފައިވާއިރު ވީލްޗެއާ އެކްސެސްވެވޭނެ ގޮތްތަކަށް ބެލިފައިވާނެ ކަމަށާއި، ޚާއްސަ އޭރިއާތަކެއް މާކު ކުރެވިފަވާނެ ކަމަށެވެ.
ރާފިޢު ވިދާޅުވީ މިހާރު ހުރި ކުޅިވަރު ދަނޑުތަކަށް އެގޮތަށް ބޭނުންކުރެވޭނެ ގޮތެއް ހެދުން އެއީ މި ވަގުތަށް އެންމެންނަށް ވެސް ލިބިގެންދިޔަ ވޭކަޕް ކޯލެއް ކަމަށާއި، އެކަމަށް ވަކި ޓައިމްލައިނެއް ހަދައިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު ހުރި ތަންތަނަށް ވަދެ ނުކުމެ އުޅުމުގައި ވީލްޗެއާގައި އެކްސެސް ބޭނުން ހިފޭ ގޮތަށް ކުޅިވަރު ދަނޑުތަކަށް ވަރަށް އަވަހަށް އިއުލާންކުރެވިގެން ބަދަލުތަކެއް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެނަށް ވެސް ވޭކްއަޕް ކޯލެއްހެން މިއީ. ޓައިމް ލައިނެއްވެސް ހަދަން ޖެހިފައި އޮތްކަމެއް ކަންނޭގޭ މިއީ. އިރާދަކުރެއްވިއްޔާ މިހާރު ހުރި ކުޅިވަރު ދަނޑުތަކަށް އެ ބަދަލު ގެންނާނަން.ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
ފޯރަމުގައި ރައްޔިތުންނަށް މައުލޫމާތުދެއްވަމުން ރާފިޢު ވިދާޅުވީ ރާއްޖޭގައި ސްޕެޝަލް އޮލިމްޕިކްސް ވާދަކުރާ އެތުލީޓުންނަށް، އެ އެތުލީޓުންގެ އެސިސްޓުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުން އަލަށް ހާއިމުކުރާ ކުޅިވަރު ކޮމްޕްލެކްސްގައި ފުޓްސަލްގެ ފަސް ދަނޑާއި ނެޓްބޯޅަ ފަސް ދަނޑު އެޅުމަށް ޑިޒއިންގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ފޭސް ދޭއްގައި އަޅާ ފަސް ދަނޑުގެ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ ބިންގާ އަންނަ މަހުގެ 20 ވަނަ ދުވަހު އަޅާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.