ފުވައްމުލަކު ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ 500 ކިލޯވޯޓްގެ ޖަނަރޭޓަރު ބަދަލުކޮށް އެ ސިޓީއަށް އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފުވައްމުލަކު ސިޓީގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ 500 ކިލޯވޯޓްގެ ޖަނަރޭޓަރެއްގައި މައްސަލަޖެހި، އިއްޔެ ހަވީރު 15:35 ހާއިރު މުޅި ރަށުން ކަރަންޓު ކެނޑުނެވެ. ނަމަވެސް ހަލާކުވި ޓްރާންސްފޯރމަރުން ކަރަންޓު ދޭ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ހަވީރު 17:20 ހާއިރު ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ. އޭރު ކަރަންޓު ނުދެވި ހުރީ 150 ގެޔަކަށްކަމަށް ފެންކައިން ބުނެއެވެ.
އަދި 500 ކިލޯވޯޓްގެ ޓްރާންސްފޯމަރ ނެގުމަށްފަހު 1000 ކިލޯވޯޓްގެ ޓްރާންސްފޯމަރ އިންސްޓޯލްކޮށް އަލުން ކަރަންޓް ދީފައިވަނީ ރޭ 22:05 ހާއިރުކަމަށް ފެނަކައިން ބުނެއެވެ.
ފުވައްމުލައް ސިޓީއަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ އިންޖީނެއްގައި މައްސަލަ ޖެހުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ވަނީ ދަށްވެފައެވެ. ކުރިއަށްއޮތް ރަމަޟާންމަހާއި ހޫނު މޫސުމަށް ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރތައް ހޯދުމަށް ރޭވިފައިވާ ރަށްރަށުގެ ތެރޭގައި ފުވައްލުއް ސިޓީއަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް ހޯދުމަށް ހިމަނާފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ފުވައްމުލަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވަނީ އެރަށުގައި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ 800 ކިލޯވޮޓުގެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެގެންކަމަށެވެ. އަދި މިހާރު ގދ. ގައްދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މުއާޒް ވިދާޅުވިއެވެ. މީގެ އިތުރަށް ފުވައްމުލަކަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެ މަސައްކަތް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައިކަމަށެވެ. އަދި މިއާއެކު ފުވައްމުލަކުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް މުއާޒު ވިދާޅުވިއެވެ.
"އިމަޖެންސީކޮށްވެސް ޖަނަރޭޓަރެއް ރާއްޖެއިން ބޭރުން ގެނައުމަށް މަސްދުވަސް ނަގާނެ. ގައްދޫގައި ހުރި ޖަނަރޭޓަރުސެޓް ނުލިބިގެންދާ ކޮންމެ ދުވަހަކީ ފުވައްމުލަކުގެ ރައްޔިތުންނަށް އުނދަގޫވާނެކަމެއް. ގައްދޫގެ އިސްފަރާތްތަކާ ވާހަކަދައްކައިގެން އެ ޖަނަރޭޓަރު ސެޓް ފުވައްމުލަކަށް ގެންދިޔުމަށް އެއްބަސްވެފައިވަނީ."ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
ފުވައްމުލައްސިޓީގެ އެންމެ މަތީ ލޯޑްގެ ގޮތުގައި ރިކޯޑްކޮށްފައިވަނީ 4850 ކިލޯވޮޓެވެ. އަދި އެވްރެޖްކޮށް އެންމެ މަތީ ލޯޑްއަކީ 4050 ކިލޯވޮޓްކަމަށް ފެނަކައިން ބުނެއެވެ. އެކުންފުނިން ބުނީ އެ ސިޓީއަށް ކަރަންޓް ފޯރުކޮށްދިނުމަށް 7 ޖަނަރޭޓަރ ސެޓް ބޭނުންކުރާކަމަށެވެ. އެއީ 800 ކިލޯވޮޓުގެ 2 ޖަނަރޭޓަރ ސެޓާއި 1200 ކިލޯވޮޓްގެ 3 ޖަނަރޭޓަރު ސެޓާއި 600 ކިލޯވޮޓްގެ ޖަނަރޭތަރު ސެޓެއްގެ އިތުރަށް 1000 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެވެ. މީގެ ތެރެއިން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއްގެ މައިގަނޑު ބައިތއް ހަލާކުވެ ކަރަންޓު އުފެއްދޭ މިންވަރު ވަނީ 4000 ކިލޯވޮޓަށް ދަށްވެފައެވެ.