ޚަބަރު

ދައުރުން ބޭރުން ބާއްވަވާ މަޖިލީހުގެ ޖަލްސާ އާދީއްތަދުވަހު


  • ޖަލްސާ ބާއްވައިދިނުމަށް އެދުނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް

  • ޤާނޫނުތަކެއް އިސްލާހުކުރުމާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައި

ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހަޅާފައިވަނީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

ޖަލްސާ ބާއްވައިދިނުމަށް ރޯދަމަހު އެއްވެސް އިންތިހާބެއް ނުބާއްވާ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާއި ގުޅޭ މަސައްކަތް ކުރިއަށް ގެންދިއުމަށްކަމަށް އެ ދެ ޕާޓީން ބުނެއެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އެދުމުގެ މަތިން ބާއްވާ ޖަލްސާ ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަދުވަހުގެ ހެނދުނު 9:00 އަށެވެ.

އާދީއްތަދުވަހަށް އެޖެންޑާކޮށްފައިވާ ޖަލްސާގައި އެޖެންޑާގައި ހިމަނާފައިވަނީ ބިމާބެހޭ ގާނޫނާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހެޅުން އަދި މެންޑޭޓު ބަދަލުވި ތިން މިނިސްޓްރީއެއްގެ މައްސަލަ ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައެވެ. މީގެއިތުރުން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތްވެސް އެދުވަހަށް ވަނީ ތާވަލުކޮށްފައެވެ.