ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް މި ސަރުކާރުން ނުކުރައްވާނެކަމަށާއި، ސަރުކާރުން މަސައްކަތްކުރައްވާނީ ފަންނާނުންގެ ކުރިއެރުމަށްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިހެން ވިދާޅުވީ، ދިވެހި ފަންނާނުންނަށް ފުރުސަތުތައް ލިބޭ މިންވަރު މަދުކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެނެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ސަރުކާރެއްކަމަށެވެ. އަދި މިހާރުވެސް މަސައްކަތްކުރަމުންދަނީ އެ މަގުންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
"ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން. ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު" ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް @MMuizzu ގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން. ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު. (1/2)
— Ibrahim Faisal (@ifaisalofficial) January 24, 2024
ފައިސަލް ވިދާޅުވީ ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ފަންނާނުގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ.
ދިވެހި ފަންނާނުންގެ ކުރިއެރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ފައިސަލް ވިދާޅުވިއިރު، ދިވެހި ޒުވާނުން ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތަކެއް ދިވެހިންނަށް ޚާއްސަ މަސައްކަތު ދާއިރާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން 21 ދާއިރާއެއްގެ ވަޒީފާ ދިވެހިންނަށް ޚާއްސަކުރަން ސަރުކާރުން ނިންމަވާފައިވާއިރު، އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ހިމެނެއެވެ.