ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އެމްޑީޕީން ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ހުށައަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލީ މިދިޔަ މަހުގެ 16ގައެވެ. ޕްރައިމަރީއަށް ހުޅުވާލި މުއްދަތު ހަމަވިއިރު 36 ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ހުށަހެޅުމުން އެ ފަރާތްތަކަށް ވަނީ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ.
މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ އެމްޑީޕީން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ގައެވެ. އެގޮތުން، 43 ދާއިރާއެއްގެ ޕްރައިމަރީ އެ ޕާޓީން ބާއްވާނެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.