ޚަބަރު

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް ހޮނިހިރު ދުވަހުގެރޭ


  • ފުރަތަމަ ފޯރަމްގައި 5 ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ

  • ކޮންމެ 3 މަހުން 1 މަހު ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގަންނަވާނެ

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމްއެކެވެ.

ހޮނިހިރު ދުވަހުގެރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި 5 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. "އަހާ"ގެ ނަމުގައި 2 ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ

  • 1- އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
  • 2- އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު: މުޙައްމަދު ސަޢީދު
  • 3- އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު: ޢާއިޝަތު ޝިހާމް
  • 4- އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު: ޑރ.ޢަބްދުﷲ މުއްޠަލިބް
  • 5- ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު: ޢަބްދުﷲ ރާފިޢު

ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ކޮންމެ ދެ މަހުން އެއް މަހު ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތައް ކުރުމުގެ ފުރުޞަތުދީ އެކަމަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ފޯރަމްއެކެވެ. މި ފޯރަމް ބޭއްވުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މާލެ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގަތް ބޭފުޅުން ހުވާކުރެއްވުމަށް ހޯމަދުވަހުގެރޭ ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި ފޯރަމް ކޮންމެ ދެ މަހުން އެއް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފޯރަމެއްގައިވެސް ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ތިން މަހުން އެއް މަހު ރައީސުލްޖުމްހޫރިއްޔާވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަނީ ނިންމަވާފައެވެ.

މި ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.