ޚަބަރު

ދިވެހި ބަހުގެ ދުވަސް ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަކޮށްފި


ދިވެހި ބަހުގެ ދުވަސް ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައިވެސް ވަނީ ތަފާތު ޙަރަކާތްތަކެއް ބާއްވާފައެވެ. ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ގިނަ ސްކޫލްތަކުގައި ކުދިން ސްކޫލަށް ޙާޒިރުވެފައިވަނީވެސް ޘަޤާފީ ހެދުމުގައެވެ. މީގެ އިތުރުން ސްކޫލްތަކުގައި ވަނީ ދިވެހިބަހާއި ޝަޤާފަތާ ގުޅުންހުރި ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. މީގެތެރޭގައި ޘަޤާފީ ނެށުންތައް ދައްކާލުމާއި ދިވެހިންގެ ޘަޤާފަތް ދައްކުވައިދޭ ތަފާތު ކަންތައްތައް ހިމެނޭ ސްޓޯލްތަކުގެ ޙަރަކާތްތައް ހިންގުމާއި ދިވެހި ކެއުންތައް ދަރިވަރުންނަށް ލިބިދިނުންވެސް ހިމެނެއެވެ.

ދިވެހިބަހުގެ ދުވަސް ސްކޫލްތަކުން ޚާއްޞަ އިސްކަމެއް ދީގެން ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ބަހާމެދު ސްކޫލް ކުދިން އަހުލުވެރިކޮށް، ބަހަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރުވުމެވެ. ދިވެހި ބަހުގެ ދުވަހުގެ ޙަރަކާތްތައް ރާވައި ހިންގުމުގައި ސްކޫލްތަކުގައި ޓީޗަރުންނާއި ބެލެނިވެރިން ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ހިންގި ޙަރަކާތާ ގުޅޭގޮތުން ސްކޫލު ކުދިންނާ ވާހަކަދައްކާލުމުން ގިނަ ކުދިން ބުނީ ދިވެހި ބަހާގުޅޭ ތަފާތު ގިނަ ކަންތައްތަކެއް، މިއަދުގެ ޙަރަކާތްތަކުގެ ސަބަބުން ދަސްވިކަމަށެވެ. ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ގިނަ ސްކޫލްތަކެއްގައި ޚާއްޞަ އެސެމްބްލީތައް ވަނީ ބާއްވާފައެވެ. އަދި މި އެސެމްބަލީތަކުގައި ދިވެހިބަހަށް ކުޅަދާނަ މީހުން ދަރިވަރުނަށް ދިވެހިބަހާ ބެހޭގޮތުން މަޢުލޫމާތުދީފައިވެއެވެ.