ޚަބަރު

ޤައުމިއްޔަތުގެ ކޮލެޖު ހިންގާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައި: އާދަމް ނަޞީރު


  • މިހާރު ކުރިއަށްދަނީ ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް

  • އަމާޒަކީ ހަފްތާ-14ގެ 14 ވަނަ ހަފްތާގައި ކޮލެޖުގެ ކިޔެވުން ފެށުން

  • ދިރާސާކުރާ މަރުކަޒުގެ ފުރަތަމަ ދިރާސާ އަމާޒުކުރާނީ ދިވެހި ތާރީޚަށް

ޤައުމިއްޔަތުގެ ކޮލެޖާއި، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު ހިންގުމަށް ހަމަޖެހިފައިވަނީ ކުރިން ސީއެޗްއެސްސީ ހިންގި ޢިމާރާތުގައި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އާދަމް ނަޞީރު ވިދާޅުވީ ކޮލެޖާއި، ދިރާސާކުރާ ޤައުމީ މަރުކަޒު ސީއެޗްއެސްސީގެ ކުރީ ޢިމާރާތުގައި ހިންގުމަށްޓަކައި، އެޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ ސިވެކް ޓީމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ-14ގެ 14 ވަނަ ހަފްތާގައި ކޮލެޖުގެ ކިޔެވުން ފެށުން ކަމަށެވެ. އަދި އެންމެ ފުރަތަމަ މާއްދާއަކަށް ކޮލެޖުގައި ކިޔަވައިދޭނީ ދިވެހި ތާރީޚުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެހެން ކޮލެޖުތަކުގައި ތާރީޚު ކިޔަވައިދޭ ގޮތާއި، ޤައުމިއްޔަތުގެ ކޮލެޖުގައި ކިޔަވައިދޭ ގޮތް ތަފާތުވާނެ ކަމަށެވެ. އެގޮތުން، ތާރީޚު ކިޔަވައިދޭއިރު، އެކި ކަންކަން ދިވެހިންނާއި ގުޅޭގޮތަށް، ދިވެހިންގެ އަސްލުތަކާ ގުޅޭ މަޢުޟޫތަކަށް ކޮލެޖުގައި ކިޔަވައިދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ތާރީޚުގެ މާއްދާ ކޮލެޖުގައި ކިޔަވައިދޭން ފެށުމަށްޓަކައި، ދިރާސާކުރާ މަރުކަޒުގެ ފުރަތަމަ ދިރާސާތައްވެސް އަމާޒުކުރެވޭނީ ދިވެހި ތާރީޚަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ ދިރާސާއަކީ ޢާންމުކޮށް އެހެން ކޮލެޖުތަކުގައި ތާރީޚު މާއްދާ ކިޔަވާދެއްވާއިރު، ކިޔަވައިދެއްވާ ގޮތަކަށް ނޫން. އެއަށްވުރެ ތަފާތު ނަޒަރަކުން ތާރީޚަށް އަޅުގަނޑުމެން ބަލާނީ." ވަޒީރު ވިދާޅުވިއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ހިމެނޭނީ ޢުމުރުން 35 އަހަރުން ދަށުގެ 50 ދިރާސާވެރިންނެވެ. އަދި ދިރާސާތައް ކުރެވޭނީ 5 އަހަރުގެ މުއްދަތަކަށް ކަމަށް ދިވެހިބަހާއި ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ތަފާތު ދާއިރާތަކުން ދިރާސާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ދިވެހި ތާރީޚާއި، ދިވެހި ބޭސްވެރިކަމާއި، ދިވެހިންގެ އަސްލާއި ނަސްލާއި، ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކައާ ގުޅޭގޮތުން ދިރާސާތައް ކުރެވޭނެއެވެ.