ތަޢުލީމު

އިސްލާމިކް ޔުނިވަރސިޓީން މުޅިން އާ 9 ކޯހެއް ޖޫންމަހު ފަށަނީ


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ރާއްޖެއަށް މުޅިން އާ ނުވަ ކޯހެއް އަންނަ ޖޫންމަހު ފަށްޓަވާނެކަމަށް އެ ޔުނިވަރސިޓީން ހާމަކުރައްވައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީން ޖޫންމަހު ފަށްޓަވާ ކޯސްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ ކޯސްތަކުގެ ތެރޭގައި އެ ޔުނިވަރސިޓިގައި އަލަށް ޤާއިމްކުރެއްވި ސެންޓަރ ފޮފ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒުން ހިންގަވާ ކޯސްތައް ހިމެނޭކަމަށެވެ. އަދި ޔުނިވަރސިޓީން އަލަށް ފަށްޓަވާ ކޯސްތަކުގައި ކިޔަވައިދިނުމަށް، ދުނިޔޭގެ މަޝްހޫރު އިސްލާމިކް ޔުނިވަރސިޓީތަކުން ގެސްޓް ލެކްޗަރުންގެ ގޮތުގައި ތަޖުރިބާކާރު 16 ބޭފުޅަކު ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން އަލަށް ފަށްޓަވާ ކޯސްތަކުގެ ތެރޭގައި ޝަރުޢީ ދާއިރާގެ ތިން ކޯހަކާއި، ޤުރުއާނާއި ސުންނަތުގެ ދާއިރާއިން އެއް ކޯހާއި، އިސްލާމީ އަޤީދާއާއި އަޚްލާޤުގެ ދާއިރާއިން 2 ކޯހަކާއި، ތަޢުލީމީ ދާއިރާއިން 3 ކޯހެއް ހިމެނެއެވެ. މި ކޯސްތަކަކީ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ލެވެލުން ފެށިގެން މާސްޓަރސްއާ ހަމައަށް ހުރި ކޯސްތަކެކެވެ. އަދި ޕީއެޗްޑީ އެއް ކޯސްވެސް މީގެތެރޭގައި ހިމެނެއެވެ.