ޚަބަރު

ހިލޭ އެހީގައި ބިނާކުރާ 3 މިސްކިތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


  • މީގެ ތެރެއިން 2 މިސްކތް ބިނާކުރަނީ ހުޅުމާލޭގައި

  • ރޯދަމަހަށް 1،500 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުމާލެ ފޭސް 2ގައި ބިނާކުރާނެ

ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކުރުމަށް 3 ފަރާތަކާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ އިސްލާމީ މަރުކަޒު ހޯލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު، އެއްބަސްވުމުގައި ސޮއިކޮށްފައިވާވަނީ އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސް އާއި، އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ. މީގެ ތެރެއިން އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސްއިން މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރައްވާފައިވަނީ ޒިކުރާ މިސްކިތް 3 ބުރިއަށް ބިނާކުރުމުގެ މަސައްކަތެވެ. ޒިކުރާ މިސްކިތް މިވަގުތު ހުރީ ވަގުތީ މިސްކިތެއްގެ ގޮތުގައެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއެއްބަސްވުންތަކުގެ ދަށުން ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަށް ބިން ހަމަޖެއްސުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ.

ވަޒީރު ވިދާޅުވީ ޒިކުރާ މިސްކިތް ހުންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ، ސަރަހައްދެއްކަމަށާއި، އެތަނުގައި ދާއިމީ މިސްކިތެއް އެޅުމަކީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބޭނެ އުފަލެއްކަމަށެވެ. އަދި 2 އަހަރު ދުވަސްތެރޭގައި ޒިކުރާ މިސްކިތުގެ މަސައްކަތް ނިމޭނެކަމަށް އުންމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަމިއްލަ ފަރާތްތަކުން މިސްކިތްތައް ބިނާކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ތަނަވަސްކަން ހުރި ފަރާތްތަކުން މިސްކިތްތައް މަރާމާތުކުރުމާއި، ރާއްޖޭގައި ހިންގާ އެކިއެކި ޤުރުއާން ކުލާސްތަކަށް އެހީތެރިވުން ވަރަށް މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ތަނަވަސްކަމުގެ އަހުލުވެރީން މިސްކިތްތައް މަރާމާތުކުރުމުގައިވެސް އެހީތެރިކަން ދެއްވާށޭ. އެއީ ﷲއަށްޓަކައި ކުރެވިދާނެ ވަރަށް ހެޔޮ ކަމެއް." ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ބިނާކުރަމުންދާ މިސްކިތްތަކުގެ ހާލަތު، ވުޒާރާއިން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. އެގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު އަޅަމުންދާ ހުރިހާ މިސްކިތެއް ކުރިއަށްއޮތް 1 އަހަރުތެރޭގައި ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރޯދަމަހަށް 1،500 މީހުންގެ ޖާގައިގެ ދާއިމީ ބޮޑު މިސްކިތެއް ނިންމާ ބޭނުންކުރަން ފެށޭނެކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.