ޚަބަރު

ހޯއްގޮވާ ކެއްސުމުން ރައްކާތެރިވުމަށް ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފި


  • މި މަހުގެ ތެރޭ ވިލިނގިލިން 3 ކުއްޖަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައި

  • މި ބައްޔަކީ ރާއްޖޭގައި ކޮންޓްރޯ ކުރެވިފައި އޮތް ބައްޔެއް

  • ބަލި ޖެހުމުން ނުރައްކާ ބޮޑުވަނީ ވަރަށް ތުއްތު ކުދިންނަށް

ހޯއްގޮވާ ކެއްސުން ނުވަތަ ޕަރޓޫސިސްގެ ކޭސްތަކެއް ފެނިފައިވާތީ ވީހާވެސް އަވަހަށް އެ ބައްޔަށް ދޭ ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރައްވައިފިއެވެ.

ހޯއްގޮވާ ކެއްސުމަކީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއްނަމަވެސް، މިމަހު 3 ކުޑަކުއްޖަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ހޯއްގޮވާ ކެއްސުމުން ރައްކާތެރިކުރުމަށް ރާއްޖޭގައި ޤަވާއިދުން ވެކްސިން ދެމުންދާތީ މިއީ ކޮންޓްރޯލްކުރެވިފައިވާ ބައްޔެއްކަމަށް ރާއްޖެއިން ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް ބަލީގެ ކޭސްތައް ރާއްޖޭގައި މަދުންނަމަވެސް ފެންނަމުންދާކަމަށާއި، އެގޮތުން މިމަހު ގއ.ވިލިނގިލިން 3 ކުޑަކުދިން މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން އައިޖީއެމްއެޗްއާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ބަލި ޖެހިފައިވާ އިތުރު ބަޔަކު ތިބިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންގޮސްފައިވާކަމަށާއި، އަދި އެކަމުގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި ކުދިންތަކެއް ފާހަގަވެފައިވާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ބަލީގެ އަލާމަތް ހުރި ކުދިން ޓެސްޓްކޮށް ބޭސްދީފައިވާކަމަށާއި އަދި ގއ. އަތޮޅު ހޮސްޕިޓަލުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އިތުރުން، ބަލި ޖެހުނު ކުދިންނާ ގާތުގައި އުޅުނު އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް 6 މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާކަމަށެވެ.

މި ބަލީގެ ނުރައްކާ ބޮޑީ ކުޑަކުދިންނަށްކަމުން، 7 އަހަރު ނުވާ ކުދިން ބަލިން ރައްޖާތެރިވުމަށް ދޭ ވެކްސިން ވީހާވެސް އަވަހަށް ފުރިހަމަކުރަން އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުން ވެކްސިން ޖެހެން ހުންނާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން ކެއްސުން ދިގުލައިގެން ދާނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ ވީހާވެސް އަވަހަށް ސިއްޙީ ޚިދުމަތްތެރިންގެ އެހީހޯދުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ހޯއްގޮވާ ކެއްސުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާއްމު ރޯގާތަކުގައިވެސް ފެންނަ އަލާމަތްތަކެވެ. އަދި ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް ބަލި ޖެހިއްޖެނަމަ، ބަލީގެ މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.