ސަރުކާރުގެ ހަފުތާ 14 ގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ކުޅިވަރު ވަސީލަތްތައް ރަށްރަށުގައި ފުރިހަމަކުރުމުގެ 33 މަޝްރޫއެއް ނިންމާލެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހަފުތާ 14 ގައި ހިމެނޭ ކުޅިވަރު ވައުދުތަކުގެ ތެރެއިން އެންމެ ޗެލެންޖިން ބޮޑު އެއް ވައުދެއްގެ ގޮތުގައި އޮތީ ރަށްރަށުގައި ނުނިމިހުރި މަޝްރޫއުތައް ނިންމުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފެށުން ކުރިއަށްދިޔައީ ނ. މާފަރުގައި ތަރައްގީކުރި ވޮލީބޯޅަ އައުޓްޑޯ ކޯޓު ހުޅުވުމުގެ ތެރެއިންނެވެ. މާފަރުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޢަބްދުއްރައްޒާޤު ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ ނުނިމި މަޑުޖަހިފައިހުރި މަސައަކަތްތައް ނިންމުން ކަމަށެވެ.
"ވަރަށް ބައިވަރު ކުޅިވަރު ފެސެލީޓީސް ޑިވަލޮޕްކުރުމުގެ މަސައްކަތްތަކެއް ފެށިފައި، ނުނިމި އެބަހުރި ތަފާތު އެކި ސަބަބުތަކާ ހުރެ. ހަފުތާ 14 ގެ ތެރޭގައި އޭގެ ތެރެއިން 30 ޕްރޮޖެކްޓް މަސައްކަތް މިހާރު ފެށުމަށް ވަނީ ހަމަޖެހިފައި. މި މަސައްކަތުގެ ތެރެއިން މި ބަލަނީ ގާތްގަނޑަކަށް 30 ނުވަތަ 33 ޕްރޮޖެކްޓް ނިންމާލެވޭތޯ.ޢަބްދުއްރައްޒާޤު އިބްރާހީމް - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު
ކުޅިވަރު ވަސީލަތްތައް ރަށްރަށުގައި ފުރިހަމަކުރުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ ހަފުތާ 14 ގެ ވައުދުތަކުގެ ތެރެއިން ކުޅިވަރު ވުޒާރާއިން ފުރިހަމަކުރި ދެވަނަ ވައުދެވެ. ހަފުތާ 14 ގެ މަގުޗާޓުގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ކުޅީވަރާއި ހަށިހެޔޮކަމާ ގުޅުން ހުރި ހަތް ވައުދެއް ހިމެނެއެވެ. އޭގެ ތެރެއިން ދެ ވައުދެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. ކުރިން ފުރިހަމަކުރި ޕްރޮގްރާމަކީ ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު ކުޅޭ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތެވެ.