ޚަބަރު

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް މާލީ ވުޒާރާއިން އެސެމްބްލީއެއް


މާލީ ވުޒާރާގެ މުވައްޒަފުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރައްވައި، އެ ވުޒާރާގެ މުވައްޒަފުންގެ ވާހަކަދެއްކުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ދިވެހިބަހުގެ އެކެޑަމީއާއެކު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމައި ސޮއިކުރެއްވީ ދިވަހިބަހުގެ ދުވަސް ފާހަގަކުރެއްވުމަށް މާލީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވެވި މުވައްޒަފުންގެ ޚާއްޞަ އެސެމްބްލީގައެވެ. ރާއްޖޭގައި، ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރައްވާ މިއީ ދެވަނަ އަހަރުއެވެ. ދިވެހިބަސް ދިރުވައި އާލާކުރުމަށް ފާހަގަކުރައްވާ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލީ ވުޒާރާގައި ވަނީ ޚާއްޞަ އެސެމްބްލީއެއް ބާއްވާފައިވެއެވެ. img:http://s3.psmnews.mv/images/660x400/14606257205059.jpg|ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްޞަ އެސެމްބްލީގެ ތެރެއިން - ފޮޓޯ: ފިނޭންސް މިނިސްޓްރީ

މި ދުވަހާ ގުޅުވައިގެން މާލީ ވުޒާރާގައި ބޭއްވެވި އެސެމްބްލީގައި އެ ވުޒާރާގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކުރައްވައި، ދިވެހިބަހުން ލިޔުމާއި ވާހަކަދެއްކުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ދިވެހި ބަހުގެ އެކެޑަމީއާއެކު ސޮއިކުރެއްވި ފަހުމުނާމާގެ ދަށުން ބަހަށް އަހުލުވެރިކުރުމުގެ ކޯސްތައް ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މިފަދަ ތަފާތު ޕްރޮގްރާމްތައް ހިންގެވުމަށް މި ފަހުމުނާމާގައި ކަނޑައަޅުއްވާފައިވެއެވެ. މާލީ ވުޒާރާގައި ބޭއްވެވި ބަހުގެ ދުވަހުގެ ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ނިޝާން ޢިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އަބްދުއްރަޝީދު ޙުސައިން ވިދާޅުވީ، ބަސް ތަރައްޤީކުރުމަށް ކުރެވޭ ތަފާތު މަސައްކަތްތަކަށް ކުރިއެރުން ލިބެމުން އަންނަކަމަށެވެ. އެގޮތުން ބަހުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ ޤައުމިއްޔަތު ދިރުވޭނީވެސް ބަހަށް ސަމާލުކަން ދީގެންކަމަށްވެސް އަބްދުއްރަޝީދު ޙުސައިން ފާހަގަކުރެއްވިއެވެ. img:http://s3.psmnews.mv/images/660x400/14606257345803.jpg|ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްޞަ އެސެމްބްލީގެ ތެރެއިން - ފޮޓޯ: ފިނޭންސް މިނިސްޓްރީ

އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ޢަބްދުﷲ ޖިހާދު ވިދާޅުވީ، ދިވެހިބަސް ޙިމާޔަތްކުރަން ތިބީވެސް ދިވެހިން ކަމަށާއި، މިއަދަކީ އެކަމަށް ޢަޒުމް ކަނޑައަޅަންޖެހޭ ދުވަހެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، މާލީ ވުޒާރާއަކީ ހުރިއާ މުއައްސަސާތަކާ ގުޅުން އޮންނަ ވުޒާރާއަކަށްވާތީ، ދިވެހިބަހުގެ އެކެޑަމީއާއެކު ސޮއިކުރެއްވި ފަހުމުނާމާގެ ދަށުން ވުޒާރާގެ މުވައްޒަފުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރެއްވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14606257530570.jpg|ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްޞަ އެސެމްބްލީގެ ތެރެއިން - ފޮޓޯ: ފިނޭންސް މިނިސްޓްރީ

މި އެސެމްބްލީގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ބަހުގެ ދުވަހެއް ފާހަގަކުރެއްވުމުގެ މަޤްޞަދު ހާސިލްވަމުން އަންނަކަމުގެ ކުލަ ފެންނަ ކަމަށާއި، ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނު އަންގާ ކަންކަން ޙާޞިލްވަމުން އަންނަ ކަމަށެވެ. އަދި މިފަދަ ދުވަހެއް ރަސްމީ ސިފައެއްގައި ފާހަގަކުރުމަކީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއްކަންވެސް އަޝްރަފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މާލީ ވުޒާރާގައި ބޭއްވެވި އެސެމްބްލީގައި ބަހުގެ ދުވަހާ ގުޅޭގޮތުން އެ ވުޒާރާގެ މުވައްޒަފުން ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ބަހުރުވަތަކުން އެމީހުންގެ ޝުޢޫރު ފާޅުކޮށްފައިވެއެވެ.