ޚަބަރު

އޭބީޔޫ ރޭޑިޔޯ ސޯންގ ފެސްޓިވަލްގައި ޕީއެސްއެމްއިން ބައިވެރިވަނީ


އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫ ބައިނަލްއަޤްވާމީ ރޭޑިއޯ ސޯންގްސް ފެސްޓިވަލްގައި ބައިވެރިވާން ޕަބްލިކް ސަރވސް މީޑިއާ، ޕީއެސްއެމްއިން ނިންމައިފިއެވެ.އޭބީޔޫ ރޭޑިޔޯ ސޯންގް ފެސްޓިވަލަކީ އަލަށް މިއުޒިކީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް މުހިއްމު ފުރުޞަތެއް ލިބޭ ބައިނަލްއަޤްވާމީ ފެސްޓިވަލެއް. އޭބީޔޫ ރޭޑިޔޯ ސޯންގް ފެސްޓިވަލް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސައްބީސްވަނަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ. މިފެސްޓިވަލްގައި މިއަހަރު ނުވަ ޤައުމަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ، އިންޑިޔާ، ޗައިނާ، އިންޑޮނޭޝިޔާ، މަކާއޯ، މިޔަންމާ، ނޭޕާލް، ރޯމޭނިޔާ، ސިންގަޕޯރ، ސައުތް ކޮރެއާ، ތައިލެންޑު، ތުރުކުމަނިސްތާން އަދި ވިއެޓްނާމް ހިމެނެއެވެ، ރޭޑިއޯ ސޯންގްސް ފެސްޓިވަލްގައި ރާއްޖެ ތަމްޞީލް ކުރަނީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ އާމިނަތު ބަތޫލް އަޙުމަދު ރަޝީދުއެވެ. އޭނާ މިމުބާރުގައި ބައިވެރިކުރަނީ، ޕަބްލިކް ސަރވިސް މީޑިއާއިން ޢާންމުކޮށް ހުޅުވާލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށެޅި ފަރާތްތަކުގެ ތެރެއިން އޭބީޔޫއިން އޭނާގެ ނަން ހޮވާފައިވާތީއެވެ. އާމިނަތު ބަތުލް އަޙުމަދު ރަޝީދު، މި މުބާރާތުގައި ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ އޭނާގެ އަމިއްލަ ރާގާއި ލިރިކްސްއަށް ހަދާފައިވާ ލަވައެއް. ''އުނިކަން'' މިލަވަ ޚާއްޞަކޮށްފައިވަނީ ރާއްޖޭގައި ތިބި އޯޓިކްސްޓިކް ކުދިންނަށް ކަމަށް ބަތުލް މަޢުލޫމާތު ދިނެވެ. ޕީއެސްއެމްއާ ވާހަކަދައްކަމުން ބަތުލް ބުނީ، އިންޓަރނޭޝަނަލް ޕްލެޓް ފޯމެއްގައި ލަވަ ހުށަހަޅައިދިނުމަށް މިފަދަ ފުރުޞަތެއް ޚާއްސަކޮށް ރާއްޖެ ތަމްޞީލްކުރަމަށް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.އޭބީޔޫ ރޭޑިޔޯ ސޯންގް ފެސްޓިވަލްގައި ބައިނަލްއަޤްވާމީ ސްޓޭޖެއްގައި ލަވަ ހުށަހަޅާ މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހިންނަށް އެފުރުސަތު ހޯދައިދީ، އެހެން ޤައުމުތަކުގެ މިއުޒިކީ ފަންނާނުންނާއި ބައްދަލުވެވި ގުޅުން އުފެދި ތަޖުރިބާތަކާއި ސަޤާފަތު ހިއްސާކުރެވިގެންދާނެއެވެ. މިއީ މިމުބާރާތުގައި ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއިން ބައިވެރިވާ ދެވަނަ އަހަރެވެ. އޭބީޔޫއަކީ ދުނިޔޭގެ ފަސްދޮޅޮސް ނުވަ ޤައުމަކުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.