ޚަބަރު

ގެމަނަފުށީ ނެރުން ވަންނަން އުޅުުނު ބޯޓަކަށް ގެއްލުންތަކެއް ވެއްޖެ


މާލެއިން ފުރައިގެއިން އައްޑޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ގެމަނަފުއްޓަށް ބަނދަރު ކުރަންއުޅުމުގެތެރޭގައި، ގާތަކެއްގައިޖެހި ބޯޓުންދިޔަވެ، އޭގައި ހުރި މުދަލަށް ގެއްލުންވެއްޖެއެވެ.

ގެމަނަފުށީ ކައުންސިލުން ވިދާޅުވީ ފަސިންޖަރުންނާ މުދަލާއެކު ގެމަނަފުއްޓަށް ދިޔަ މިބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާކަމަށެވެ. ނަމަވެސް މިބޯޓުގައި ހުރި ކާޑުގެ ބާވަތްތައް މޫދަށް ދޫވެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ހިނގި މި ޙާދިސާގައި ގެއްލުންވެފައިވަނީ އައްޑޫ ސިޓީގެ "ސްޕީޑް" ބޯޓަށެވެ. 

ގެމަނަފުށީ ކައުންސިލުން ވިދާޅުވީ، ގެމަނަފުށްޓަށް މުދާ ބޭލުމަށްޓަކައި "ސްޕީޑް" ބޯޓު އެރަށު ނެރަށް ވަންނަން އުޅުމުގެ ތެރޭގައި ގާތަކެއްގައި ޖެހިގެން ބޯޓުން ދިޔަވެ، އެބޯޓަށް ލޮނުވަނުމުގެ ސަބަބުން ބޯޓު ކޮންމެވެސް ވަރަކަށް އަޑިޔަށް ދިޔަ ކަމުގައެވެ. މިބޯޓުގައި ހުރި މުދަލުގެ ތެރެއަިން ގާތްގަނޑަކަށް 400 އެއްހާ ބަސްތާގެ ކާޑު، ހަލާކުވެފައިވާކަމަށްވެސް ކައުންސިލް އޮފީހުން ވިދާޅުވެއެވެ.

އަދި އެރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، ބޯޓު އެރަށުގެ އެއްގަމު ތޮށްޓާ ކައިިރިކޮށް ބޯޓުގައި ހުރި މުދާ ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގެމަނަފުށީ ކައުންސިލުން ވިދާޅުވެއެވެ.