ކުޅިވަރު

ބޯންމަތު ބަލިކޮށް ލިވަޕޫލަށް ފަސް ޕޮއިންޓުގެ ލީޑެއް


ބޯންމަތް އަތުން ހޯދި މޮޅާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ބޯންމަތްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނެއެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ހަތަރު މިނެޓްފަހުން ޑާވިން ނުނޭޒް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ޑިއޯގޯ ޖޯޓާ ކާމިޔާބުކޮށްދިން އިރު، މި ލަނޑު ޖެހިތާ ނުވަ މިނެޓުފަހުން ލިވަޕޫލްގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޖޯޓާ އެވެ. އަދި ލިވަޕޫލްގެ ހަތަރުވަނަ ގޯލު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ނުނޭޒް އެވެ.

މި މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 21 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 20 މެޗުން ލިބުނު 43 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތް އާސެނަލް ވެސް އޮތީ ހަމަ މިއަދަދަށް ކުޅެގެންނެވެ. ނަމަވެސް ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޗެލްސީއާ އެވެ.