ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި ސައިކްލޯން ބާސްކެޓްބޯޅަ ކްލަބް އަތުން ބޮޑު ތަފާތަކުން ކުއީންސް ބާސްކެޓްބޯލް ކުލަބު މޮޅުވެއްޖެ އެވެ.
މިއީ ޤައުމީ ލީގުގައި ކުއީންސްގެ ދެވަނަ މޮޅެވެ. އެ ޓީމު ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ ސައިކްލޯން ބާސްކެޓްބޯޅަ ކްލަބާ ވާދަކޮށް 95-27 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަަަމަ ދެ ކުއާޓަރުގައި ކުއީންސް އިން ފަރަގު ބޮޑުކޮށްފައިވެއެވެ. ބާސްކެޓުގެ ތަޖުރިބާކާރު ކުޅުންތެރިންނާއެކު މި އަހަރުގެ މުބާރާތުގައި ވާދަކުރާ ކުއީންސްއަށް މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކައިިދިނީ، އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު އެވެ. އޭނާ ވަނީ 27 ޕޮއިންޓް ހޯދައިފަ އެވެ.
މުބާރާތުގައި ކުއީންސް ފުރަތަމަ މެޗުން މޮޅުވީ އެލީޓް ސްޕޯޓްސް ކްލަބާ ވާދަކޮށް، 82-56 ޕޮއިންޓުންނެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ލަޔަނެސް އާއި އެލީޓް ސްޕޯޓްސް ކުލަބެވެ. މި މެޗު 90-33 އިން ކާމިޔާބުކުރީ އެލީޓް އެވެ.
މި އަހަރު ގައުމީ ލީގުގެ އަންހެން ޑިވިޝަނުގެ ކުޅުން ކުރިއަށްދާއިރު، އެންމެ ފަހުން އަންހެން ޑިވިޝަނުގެ ލީގު ބޭއްވީ 2022 ވަނަ އަހަރެވެ. އެ ފަހަރު ފަހު މެޗުގައި ފަސޭހަކަމާއެކު ކުއީންސް ބަލިކޮށް ލީގު ކާމިޔާބުކުރީ ސައިކްލޯން ބާސްކެޓްބޯލް ކްލަބުންނެވެ. އެކަމަކު ދިމާވި އެކި ސަބަބުތަކާ ހުރެ މިދިޔަ އަހަރު ގައުމީ ލީގުގެ އަންހެން ޑިވިޝަން ބާއްވާފައެއް ނުވެއެވެ.
މި އަހަރު ގައުމީ ލީގުގެ އަންހެން ޑިވިޝަނުގައި ކުޅުނު ދެވަނަ މެޗު ކުއީންސް ކާމިޔާބުކުރިއިރު، އެ ޓީމުން އެންމެ ފަހުން ގައުމީ ލީގު ކާމިޔާބުކޮށްފައިވަނީ 2020 ވަނަ އަހަރެވެ.