ޚަބަރު

ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އުމްރާނީ ބިނާވެށިތައް ފައްކާކުރުމުގެ މަސައްކަތް ފަށަނީ


  • މިކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި ގުޅޭ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު

  • ރާއްޖޭގައި 7 އަރބަން ސެންޓަރު ނުވަތަ ބިނާވެށި ތަރައްޤީކުރާނެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތައް ނުވަތަ އުމްރާނީ ބިނާވެށިތައް ފައްކާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ފައްޓަވައިފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގައި އަރބަން ސެންޓަރުތަކެއް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި ގުޅޭ ކަރުދާހެއް ހުށަހެޅުނުކަމަށެވެ. އަދި އެ ކަރުދަހާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު، އަރބަން ސެންޓަރުތަކެއް ކަނޑައެޅުމާއި ގުޅޭގޮތުން ދިރާސާއެއް ކުރިއަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށްވެސް ނާޡިމް ވިދާޅުވިއެވެ.

ނާޡިމް ވިދާޅުވީ، ރާއްޖޭގައި އާބަން ޑިވެލޮޕްމަންޓް ރީޖަންއެއްގެ ތަރައްޤީކުރެވިދާނެ ސަރަހައްދުތަކެއް ފާހަގަކޮށް އާބަން ޑިވެލޮޕްމަންޓް ރީޖަންއެއްގެ ގޮތުގައި އެތަންތަނުގައި ހިމެނޭނެ އަތޮޅުތަކާއި ރަށްތައް ދިރާސާގެ ތެރެއިން ފާހަގަކުރާގޮތަށް ނިންމާފައިވާކަމަށެވެ. އަދި މި ސިޔާސަތުތައް އެކުލެވިގެންދާއިރު ރީޖަނަލް ލެވެލްއެއްގައި ކުރިއަށްގެންދާނެ އިޤްތިޞާދީ ކަންކަމާއި އެހެނިހެން ކަންކަން ކަނޑައަޅާނެކަމަށެވެ.

"އާބަން ޑިވެލޮޕްމަންޓް ރީޖަންއެއްގެ ގޮތުގައި އެ ރީޖަންއެއްގައި ހިމެނޭ ރަށްރަށުގައި ދިރިއުޅޭ އާބާދީ މިދެންނެވީ ރެސިޑެންޓް ޕޮޕިއުލޭޝަން ޖުމްލަކުރުން 50،000 އަށްވުރެ އާބާދީ ދަށްނުވާނެ ގޮތްތަކެއް ބަލައިގެން މިކަން ކުރިއަށް ގެންދިއުން. އަދި މި 50،000 ގެ އާބާދީ ކުރިއަށްއޮތް 2033 ވަނަ އަހަރާއި ހަމައަށް ދާއިރު އާބާދީ އިތުރަށް ފުޅާކުރުމަށް 1 ލައްކައިގެ އާބާދީއަކަށް އޭގެ ރެޒިޑެންޓް ޕޮޕިއުލޭޝަން ގެންދިއުމަށް ސިޔާސަތުތަކެއް އެކަށައަޅައިގެން ކުރިއަށްގެންދިއުން.

އަރބަން ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރަކީ ސަރަހައްދީ ތަރައްޤީގެ ވިސްނުމުގައި ރާއްޖެ ތަރައްޤީކުރެއްވުމެވެ. އަދި އެކަމަށްޓަކައި މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައެޅުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްޤީ ކުރުމާއެކު، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، 7 އަރބަން ސެންޓަރެއް، ނުވަތަ ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަހައްދެއްގައި ފައްކާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ސަރުކާރުން މަސައްކަތް ކުރައްވާނީ ދިވެހިރައްޔިތުންގެ ހުވަފެންތަކާއި ތަޞައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ކުރަހައި ބައްޓަންކުރެއްވުމަށްކަމަށެވެ. އަދި ރައްޔިތުންގެ އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދެއްވާނެކަމަށްވެސް އެމަނިފާނު ވަނީ ވިދާޅުވެފައެވެ.