ދީން

އޯ.އައި.ސީގެ 13 ވަނަ ސަމިޓަށް ތައްޔާރުވުމުގެ މަޝްވަރާތައް


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ 13 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ މައި ބައްދަލުވުމަށް ތައްޔާރުވުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

ތުރުކީވިލާތުގެ ވެރިރަށް އިސްތަންބޫލްގައި މިދިޔަ އާދިއްތަ ދުވަހު ފެށި މި ސަމިޓުގައި އިއްޔެއާއި މިއަދު ކުރިއަށްދިޔައީ އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެވެ. މިބައްދަލުވުމުގައި ޚާރިޖީ ވަޒީރުން ވަނީ މާދަމާއާއި މާދަންނޫން އަނެއްދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެޖެންޑާއާއި ޕްރޮގްރާމް ކަނޑައެޅުމުގެ މަސައްކަތްކުރައްވާފައެވެ. މިބައްދަލުވުމުގައި 12 ވަނަ އިސްލާމިކް ސަމިޓުގެ މަންދޫބެއްގެ ގޮތުން ވާހަކަފުޅު ދެއްކެވި މިސްރުގެ ޚާރިޖީ ވަޒީރުގެ ނައިބު ހިޝާމް ބަދްރު ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި އޯއައިސީއިން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14605643265363.jpg|އޯ.އައި.ސީގެ 13 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ މައި ބައްދަލުވުމަށް ތައްޔާރުވުމުގެ މަޝްވަރާތަކުގައި އިސްލާމިކް މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވަނީ-

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޯ.އައި.ސީގެ ސެކެޓްރީ ޖެނެރަލް އިޔާދް އަމީން މަދާނީ ވިދާޅުވީ މިބައްދަލުވުން ބޭއްވެމުން މިދަނީ ވަރަށް މުނާސަބު ވަގުތެއްގައިކަމަށާއި، މިބައްދަލުވުމުގައި އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް މުހިންމު ނިންމުންތަކެއް ނިންމޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ޙައްދު ފަހަނައަޅާދިއުމާއި، ލޭއޮހޮރުވުމާއި، ޓެރަރިޒަމްގެ ޢަމަލްތައް ހުއްޓުމަކަށް ގެނައުމަކީ މިއަދު އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދޭން ޖެހިފައިވާކަން ކަމަށް މަދާނީ ވިދާޅުވިއެވެ. މީގެ އިތުރުން ފަލަސްތީނުގެ މައްސަލައާއި، ސޫރިޔާއާއި އަފްޣާނިސްތާނާ ސޯމާލިއާ އާއި ޔަމަން ފަދަ ޤައުމުތަކުގައި ހިގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ރެފިއުޖީންގެ މައްސަލައަށް ވެސް އެކަށިގެންވާ ޙައްލެއް ހޯދަން ޖެހިފައިވާކަމަށް މަދާނީ ވިދާޅުވިއެވެ.