ޚަބަރު

މަޢާފަށް އެދުމަށް ރާއްޖެ ޓީވީއަށް އަންގައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ސިހުރު ހައްދަވައިގެންކަމަށް ބުނެ، ރާއްޖެ ޓީވީން ފެތުރި ޚަބަރާއި މަންޒަރުގައި އިސްލާމީ އަޤީދާއާ ފުށުއަރާ ކޮންޓެންޓް ހުރިކަމަށް ކަނޑައަޅުއްވައި، މަޢާފަށް އެދިވަޑައިގަތުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެ ޓީވީއަށް އަންގަވައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިގޮތަށް ނިންމެވީ، ރާއްޖެ ޓީވީން 6 ފެބްރުއަރީ ވަނަދުވަހުގެ ރޭ 8 ގެ ޚަބަރުގައި، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ސިހުރު ހެއްދެވިކަމަށް ބުނެ، ފަތުރާފައިވާ ޚަބަރަކީ ސާބިތުނު ހިފޭ، ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތުކަމުން ރާއްޖެ ޓީވީއާމެދު ފިޔަވަޅުއަޅުއްވައިދެއްވުން އެދި އެކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މިމައްސަލަ ބައްލަވައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވި ބަޔާނުގައި ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އަންގަވާފައިވަނީ މިކޮންޓެންޓް ބްރޯޑްކާސްޓް ކުރިކަމަށްޓަކައި މަޢާފަށް އެދި ބަޔާނެއް ނެރެ، އެ ބަޔާން 18 އޭޕްރީލް 2016 ގެ ކުރިން ރޭގަނޑު އަށަކާއި އައްގަޑި ތިރީހާ ދެމެދު ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރުމަށެވެ. އަދި އިސްލާމީ އަޤީދާއާ ފުށުއަރާ ފަދަ ކޮންޓެންޓެއް މީގެ ފަހުން ބްރޯޑްކާސްޓް ނުކުރުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓްއަށް އަންގަވައި، އިންޒާރު ދެއްވައިފައިވެއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ބްރޯޑްކާސްޓްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބަހެއް ހޯއްދަވައިފައި ނުވާތީ އެފަދަ ކަންކަން ރަނގަޅު ކުރެއްވުމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެޓީވީއަށް އަންގަވާފައެވެ.

ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓެއްގެ މައްސަލައެއްގައި މީގެކުރިންވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އެޓީވީއަށް އިންޒާރު ދެއްވާފައެވެ.