ކުޅިވަރު

ތާރީޚީ ކާމިޔާބީތައް ހޯދި ޓެނިސް ޓީމަށް ހޫނު މަރުހަބާއެއް


އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިން އިވެންޓުން ތާރީޚީ ކާމިޔާބީތައް ހޯދި ގައުމީ ޓެނިސް ޓީމު އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވިއެޓްނާމުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ޓެނިސް ޓީމު ވަނީ ވާދަކުރި އިވެންޓުތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ. އެގޮތުން ރާއްޖޭގެ އުއްމީދީ ތަރި ނަބާ ނިޝާން ވަނީ އަންހެން ސިންގަލްސްގެ ދެ މުބާރާތުންވެސް ރަން މެޑަލް ހޯދާފައެވެ.

މެޑަލްތަކާއެކު ރޭގެ ވަގުތެއްގައި ޓީމު މާލެ އައިރު، ބޮޑުބެރުގެ ހަރަކާތްތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ކިޔާފައިވަނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންގެ އިތުރުން ކުޅުންތެރިންގެ ބެލެނިވެރިންނެވެ.

ވިއެޓްނާމުގައި ދެ ހަފުތާއެއްގައި ދެ މުބާރާތް ކުރިއަށްދިޔައިރު، ފުރަތަމަ ހަފުތާގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލުގައި ސްރީ ލަންކާގެ އަންނަޔާ ޖޯނީ ނޯބާޓް އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-1 އަދި 6-0 އިންނެވެ. އަދި ދެވަނަ ހަފުތާގެ މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލުގައި ރާއްޖޭގެ މަންހާ މުޙައްމަދު ބަލިކޮށްގެންނެވެ. މި މެޗުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ނަބާ މޮޅުވިއިރު، މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-0 އަދި 6-1 އިންނެވެ. މިއީ މި ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިޔަކު ހޯދީ ތާރީޚީ ކާމިޔާބެކެވެ.

މީގެ އިތުރުން އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޓެނިސް ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިން އިވެންޓުގައި ރާއްޖޭގެ ނަބާ އާއި މަންހާގެ ޕެއާ ވަނީ އަންހެނުންގެ ޑަބަލްސް އިވެންޓުގެ ފައިނަލުގައި ވާދަކޮށްފައެވެ. އަދި ރާއްޖޭގެ އާދަމް އާލް ނިޔާޒް އާއި މީކާ މުޙައްމަދު ކަލީމުގެ ޕެއާ ވަނީ ފިރިހެން ޑަބަލްސް ބައިގެ ސެމީ ފައިނަލުގައިވެސް ވާދަކޮށްފައެވެ.

މި މުބާރާތަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެ، ލަންކާ، ލާއޯސް، ކެންބޯޑިއާ، މޮންގޯލިއާ އަދި ބްރޫނާއީ ދާރުއްސަލާމް ހިމެނޭހެން އަށް ގައުމެއްގެ ކުޅުންތެރިން ވާދަކުރިއެވެ.