ޚަބަރު

ސިވިލް ކޯޓްގެ ޑިވިޜަނެއް ހުޅުމާލޭގައި ޤާއިމުކުރައްވަނީ


ސިވިލް ކޯޓުގެ ޑިވިޜަނެއް ހުޅުމާލޭގައި ޤާއިމުކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

މިއީ ކޯޓުތަކާބެހޭ ޤާނޫނު ވުޖޫދަށް އައިފަހުން އުފެދުނު ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ ޑިވިޜަނެއް ޤާއިމުކުރެވުނު ފުރަތަމަ ފަހަރެވެ.

ސިވިލް ކޯޓުގެ ޑިވިޜަނެއް ހުޅުމާލޭގައި ޤާއިމުކުރެއްވުމަށް ނިންމަވައި ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޤަރާރުގައިވާގޮތުން ހުޅުމާލޭގައި ސިވިލް ކޯޓުގެ ޑިވިޜަނެއް ޤާއިމުކުރެއްވުމަށް ނިންމެވީ އެކަށީގެންވާ އަވަސްމިނެއްގައި ދިވެހިރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލްވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށާއި، ތަނަވަސްވެ ފުޅާވަމުންދާ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ބޮޑަށް ފަހި ޝަރުޢީ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމުގެ މަޤުޞަދުގައިކަމަށްވެސް ސުޕްރީމް ކޯޓުގެ ޤަރާރުގައިވެއެވެ.

މިޤަރާރުގައިވާގޮތުން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޜަނަށް ފަނޑިޔާރުން ހަމަޖައްސަވާނީ ސިވިލްކޯޓަށް ޢައްޔަން ކުރެވިފައިވާ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅުއްވާ ގޮތެއްގެ މަތިނެވެ. އަދި އެޑިވިޜަންގެ އިދާރީ ކަންކަން ހަމަޖައްސަވާނީ ސިވިލްކޯޓުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ޖޭ.އެސް.ސީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ލަފާގެ މަތިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ޤަރާރަކުން ސުޕީރިއަރ ކޯޓުތަކުގެ ޑިވިޜަންތައް ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ޤާއިމުކުރެވިދާނެއެވެ. އެގޮތުން ސިވިލްކޯޓުގެ ޑިވިޜަނެއް ހުޅުމާލޭގައި ޤާއިމުކުރެވުމާއެކު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅޭ މަދަނީ މައްސަލަތައް ދެން ހުށައެޅޭނީ ހުޅުމާލޭގައި ހުންނަ ސިވިލްކޯޓުގެ ޑިވިޜަނަށެވެ.

އަދި ސުޕީރިއަރ 4 ކޯޓުގެ ޑިވިޜަންތައް ރަށެއްގައި ޤާއިމުކުރެވިއްޖެނަމަ އެރަށެއްގައި ހުރި މެޖިސްޓްރޭޓް ކޯޓް އުވިގެންދާނެއެވެ.