އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް މިސްރާއި ގާނާ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ނައިޖީރިއާއިން މުބާރާތް ބައްވާ ގައުމު ކަމަށްވާ އައިވަރީ ކޯސްޓް ބަލިކޮށްފިއެވެ.
ރޭ ކުޅުނު މެޗުގައި މިސްރާއި ގާނާ އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މިސްރުގެ ތަރި މުހައްމަދު ސަލާހަށް ވަނީ އަނިޔާވެގެން ދަނޑުން ބާލާފައެވެ. އޭނާގެ އަނިޔާއާ ގުޅޭ ތަފްސީލު ހާމަކުރާނެ ކަމަކަށް ބެލެވޭނީ މެޗަށް ފަހު ހަދާ ޓެސްޓުތަކަށް ފަހުއެވެ.
ރޭގައި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ގާނާއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި އަބްދުލް ސަމަދު ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ކުޑޫސްއެވެ. މި މެޗުގައި މިސްރުން ފުރަތަމަ ފަހަރަށް ނަތީޖާ އެއްވަރުކުރީ 69 ވަނަ މިނެޓުގައި އޮމަރް މަރްމޯޝް ކާމިޔާބުކުރި ލަނޑުންނެވެ. އެކަމަކު މި ލަނޑު ޖެހިތާ ދެ މިނިޓު ފަހުން ކުޑޫސް ވަނީ އަނެއްކާވެސް ގާނާއަށް އަލުން ލީޑު ނަގައިދީފައެވެ. މިސްރުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މުސްތަފާ މުހައްމަދު ކާމިޔާބުކުރި ލަނޑުންނެވެ.
މީގެ އިތުރުން މި މުބާރާތުގައި ރޭ ނައިޖީރިއާއިން ވަނީ އައިވަރީ ކޯސްޓް ބަލިކޮށް، ދެވަނަ ބުރާ ގާތަށް ޖެހިލާފައެވެ. ނައިޖީރިއާއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފަވާ ނައިޖީރިއާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދނީ ވިލިއަމް ތުރޫސްޓް އިކޮންގެވެ.
މި ގުރޫޕްގައި ރޭ އީކުއެޓަރްލް ގިނީ ވަނީ 4-2 ގެ ނަތީޖާއަކުން ގިނީ ބިސާއު ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.