ކުޅިވަރު

ލީގުން ވަކިވި ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްއަށް ބޮޑު ޖޫރިމަނާއެއް


މިދިޔަ އަހަރުގެ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުން ލީގުން ވަކިވި، ކުލަބު ވެލެންސިއާ އާއި ކުލަބު ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށްފިއެވެ.

ލީގު ދިގު ލައިގެން ދިޔުމުގެ ސަބަބުން ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްއަށްވެސް މާލީ ދަތިކަން ކުރިމަތިވިއިރު، ދެ ކުލަބުންވެސް ބުނެފައި ވަނީ އެޓީ މުތަކަށް މާލީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ފުރިހަމައަށް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ލީގުން ވަކިވިކަން އިއުލާންކޮށް ވެލެންސިއާއިން އެ ފަހަރު ނެރުނު ނޫސް ބަޔާނުގައި ވަނީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް އެއް މިލިޔަން ރުފިޔާ ދިނުމަށް ކުރީގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވީ ވައުދު ފުއްދުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ކުލަބުތަކުގެ މެދުގައި ތަފާތުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު އީގަލްސް އާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް ކުލަބަށް އެއް މިލިޔަން ރުފިޔާ ދީފައިވީ ނަމަވެސް، ވެލެންސިއާ އާއި، ޓީސީ ސްޕޯޓްސް ކުލަބާއި، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވުޒާރާއިން ދިނީ ކޮންމެ ކުލަބަކަށް ދެ ލައްކަ ފަންސާސް ހާސް ރުފިޔާ ކަމަށްވެސް ވަނީ ބުނެފައެވެ.

މާލީ ދަތިކަމާ ގުޅިގެން ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ލީގުން ވަކިވުމުން، އެ މައްސަލަ ބަލައި، ދޫކޮށްލި މެޗުތަކުގެ އަދަދުން މިހާރު ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން ވެލެންސިއާ 180،000 (އެއްލައްކަ އަށްޑިހަ ހާސް) ރުފިޔާއިން އަދި ގްރީން ސްޓްރީޓްސް 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ނުހިންގިގެން ތިންވަނަ ބުރު ކެންސަލްކޮށް، ދެވަނަ ބުރަށްފަހު ޗެމްޕިއަންކަން ހޮވައި ލީގު ނިންމާލިއިރު، ވެލެންސިއާއިން ލީގު ފެށީވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ.

ފުރަތަމަ ޑިވިޝަނުގެ ދެ ކުލަބަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފިޔަވަޅު އެޅިއިރު، މިހާރު ކުރިއަށްދާ އެމްޕީއެލް ދެވަނަ ޑިވިޝަނުގައި މިދިޔަ ހޮނިހިރު ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކުލަބު ޓީނޭޖް ހާޒިރުވެފައިނުވާތީ، އެ ކުލަބު ވަނީ 30،000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.