ޚަބަރު

ސިޓީ ކައުންސިލަށް ސަރުކާރުގެ ނުފޫޒެއް ނެތް: އެކްޓިން މޭޔަރު


  • ކައުންސިލްގެ 11 މަޝްރޫޢުއެއް ސަރުކާރާ ޙަވާލުކުރުމަށް ވަނީ ނިންމާފައި

  • މިއީ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުންތަކެއް

  • ބޮޑެތި މަޝްރޫޢުތައް ސަރުކާރަށް ބަދަލުކުރީ މަސައްކަތް އަވަސްކުރުމަށް

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ނިންމުންތައް ނިންމުމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތްކަމަށް މާލެ ސީޓި ކައުންސިލްގެ އެކްޓިން މޭޔަރު އަޙުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ، މާލޭ ސިޓީގެ ތަރައްޤީއަށް، ސިޓީ ކައުންސިލުން ހިންގަން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުގެދަށަށް ބަދަލުކުރުމަށް ކައުންސިލުން ނިންމި ނިމުމާގުޅިގެން އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައެވެ.

ނަރީޝް ވިދާޅުވީ މަޝްރޫޢުތައް ސަރުކާރަށް ބަދަލުކުރުމަށް ކައުންސިލުން ނިންމި ނިންމުމަކީ، ކައުންސިލްގައި މަޝްވަރާކޮށް މެންބަރުންގެ އަޣުލިބިއްޔަތު އޮވެގެން ނިންމި ނިންމުމެއްކަމަށެވެ. ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހުން ކައުންސިލްގެ މަސައްކަތްތަކަށް އަތްބާނައި ކައުންސިލްގެ މަސައްކަތެއް އަތުލަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ ދަށުން ހިންގަން ނިންމާފައިވާ، 100 މިލިއަން ރުފިޔާއިން މަތީގެ 11 މަޝްރޫޢެއް، ސަރުކާރުގެ ވުޒާރާތަކުގެ ބެލުމުގެ ދަށުން ހިންގުމަށް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްކޮށްފައެވެ. ސިޓީކައުންސިލުން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ، މިއީ ބޮޑެތި ބިޔަ މަޝްރޫޢުތަކަކަށްވުމާއެކު، އެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރިއަށްގެންދެވޭނީ ކަމާގުޅުންހުރި ވުޒާރާތަކާ ގުޅިގެންކަމަށްވާތީކަމަށެވެ. އަދި އެކަމުގެ އެއް މަޢުސަދަކީ މަސައްކަތުގެ ސްޕީޑް އަވަސްކޮށް ފެންވަރު ރަނގަޅު މަޝްރޫޢުތަކެއް ހިންގުމަށްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި މަސައްކަތްތައް ސަރުކަރަށް ބަދަލުކުރައްވާފައި ވަނީ، 6 މަސް ދުވަހުގެ ތެރޭގައި ހުރިހާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާގޮތަށެވެ. 6 މަސްތެރޭ މަސައްކަތް ނުފަށައިފިނަމަ އެ މަސައްކަތްތައް އަލުން ސިޓީ ކައުންސިލްގެދަށަށް ބަދަލުކުރަން ނިންމަފައިވެއެވެ.

ސިޓީ ކައުންސިލްގެ ނިންމެވުމާ ގުޅިގެން މާލެ ސިޓީގެ އިންތިޚާބީ މޭޔަރު އާދަމް އާޒިިމް ވަނީ ސަރުކާރުން ކައުންސިލަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ. އައު މޭޔަރު މަގާމުގެ ހުވާކުރައްވަންދެން، ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

މާލެ ސިޓީގެ އެކްޓިން މޭޔަރު އަޙުމަދު ނަރީޝް ވިދާޅުވީ، ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަސް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށާ، ނިންމާފައިވާ ނިންމުންތަކަކީ އިންތިޚާބުކޮށްފައިވާ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމި މިނިވަން ނިންމުމެއްކަމަށެވެ.

ސަރުކާރުން އަންނަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ހަރުދަނާކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ސަރަޙައްދަށް ނިމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެވެ.