ޚަބަރު

އަދީބާއި ޒިޔަތުގެ ކޮރަޕްޝަންގެ އިތުރު މައްސަލައެއް !


މޯލްޑިވްސް މާރކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަނުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް 5 މިލިއަން ޑޮލަރު ގަތުމަށް ޕްރައިވެޓް 2 ކުންފުންޏަކާއެކު ކުރި މުޢާމަލާތެއްގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް ދަޢުވާ ކުރެއްވުމަށް އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ. 

މިމުޢާމަލާތުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިންކަމުގެ ކުށުގެ ދައުވާ ކުރެއްވުމަށެވެ. އޭސީސީން ޕީޖީ އޮފީހަށް ފޮނުއްވި ރިޕޯޓްގައި ވަނީ އެމް.އެމް.ޕީ.އާރު.ސީން ޑޮލަރު ގަންނަން ކުރި މުޢާމަލާތްތަކުގައި ޕްރައިވެޓް ދެކުންފުންޏެއްގެ އެކައުންޓަށް އެޑްވާންސްކޮށް ފައިސާ ފޮނުއްވާފައިވަނީ އެފައިސާ ދައުލަތަށް އަނބުރާ ލިބޭނެކަމުގެ އެއްވެސް ގެރެންޓީއެއްނެތިކަމަށެވެ. 

އެގޮތުން ޑޮލަރު ގަންނަން ކުރި މިމުޢާމަލާތުގައި ދައުލަތަށް ލިބެންވާ 2.5 މިލިއަން އެމެރިކާ ޑޮލަރު ނުލިބިވާކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މިފައިސާ އެމް.އެމް.ޕީ.އާރު.ސީއަށް ލިބިފައިވާކަމަށްބުނެ އޮޅުވާލަން މަސައްކަތް ކޮށްފައިވާކަންވެސް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. 

ޑޮލަރު ގަންނަން އެމް.އެމް.ޕީ.އާރު.ސީން ކުރި މުޢާމަލާތުގައި ހިމެނޭ ދެ ކުންފުންޏަކީ ކުރީގެ ނައިބުރައީސް، އޭރުގެ ޓޫރިޒަމް މިނިސްޓަރާ ޢާއިލީގޮތުން ގުޅުމެއްވާ މީހެއްގެ ކުންފުންޏެއްކަން އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މި މުޢާމަލާތަކީ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި އޭރުހުރި އަޙްމަދު އަދީބުގެ އެންގެވުމަށް އެމް.އެމް.ޕީ.އާރު.ސީން ކޮށްފައިވާ މުޢާމަލާތެއްކަން ލިޔެކިއުންތަކުން އެނގޭކަމަށާއި، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ޢަބްދުﷲ ޒިޔަތު މިމުޢާމަލާތްކޮށްފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ހިންގާ ޤަވާއިދާ ޚިލާފަށް އެކޯޕަރޭޝަންގެ ބޯޑުގެ ހުއްދަ ހޯދުމެއް ނެތިކަންވެސް ފާހަގަކޮށްފައިވެއެވެ. 

އޭސީސީން މިމައްސަލަ ބެއްލެވުމުގައި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖްމެންޓް އެކަށީގެންވާ ވަރަށް ޖަވާބުދާރީ ކޮށް، ހިންގުން ހަރުދަނާ ކުރެއްވުމަށް އެކަށީގެންވާވަރަށް މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާތީ، ސަރުކާރުގެ ކުންފުނިތައް ޤަވާއިދުން މޮނިޓަރކޮށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ޤާއިމުކުރެއްވުމަށް ޕްރައިވެޓައިޒޭޝަން ބޯޑަށްވެސް އޭސީސީން ވަނީ އަންގަވާފައެވެ. އަދީބާއި ޒިޔަތުގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް ކުރެއްވުމަށް ޕީ.ޖީ އޮފީހަށް ފޮނުއްވާފައިވާއިރު، އެދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާ، ޚިޔާނާތުގެ މައްސަލަތަކެއް މިހާރު އަންނަނީ ކޯޓްގައި ހިގަމުންނެވެ.