ޚަބަރު

މުދާ އެތެރެކުރި މިންވަރު 15 އިންސައްތަ އިތުރުވެއްޖެ


މިއަހަރުގެ މާރޗުމަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 15 އިންސައްތަ އިތުރުވެ، ރާއްޖެއިން މުދާ ބޭރުކުރި މިންވަރު 3 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ މާރޗުމަހު ރާއްޖެއަށް 2.62 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރުގެ މާރޗު މަހު އެތެރެކުރި މުދަލުގެ ސީއައިއެފް އަގަކީ، 3 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ މާރޗުމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އެފް.އޯ.ބީ އަގު 302 މިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ މާރޗުމަހު މި ޢަދަދު ހުރީ، 292 މިލިއަން ރުފިޔާގައެވެ.

ފާއިތުވި މާރޗް މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާރޗު މަހާ އަޅާބަލާއިރު 25 އިންސައްތަ ވަނީ ދަށްވެފައެވެ. ފާއިތުވި މާރޗުމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ޖުމްލަ 222.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މާރޗު މަހު ލިބިފައިވަނީ، 298 މިލިއަން ރުފިޔާއެވެ.

ފާއިތުވި މާރޗު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، މެޝިނަރީގެ ބާވަތްތައް އެތެރެކުރުމަށެވެ. މެޝިނަރީޒް އެތެރެކުރުމަށް 633 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ހޭދަކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކަށް ސީއައިއެފް 553 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭގެ އިމްޕޯޓުގެ ބޮޑު ބައެއް ޙިއްސާކުރި ތެލުގެ ބާވަތްތަކަށް ފާއިތުވި މާރޗު މަހު ހޭދަކޮށްފައިވަނީ ސީ.އައި.އެފް 321 މިލިއަން ރުފިޔާއެވެ.