ޚަބަރު

ހުޅަނގު ފަރާތުގައި ތަރައްޤީކުރާ ޖޮގިންގ ޓްރެކް މިމަހު ނިމެނޭ


މާލޭގެ ހުޅަނގު ފަރާތުގައި ސަރުކާރުން ތަރައްޤީކުރައްވާ ޖޮގިންގ ޓްރެކްގެ މަސައްކަތް މިމަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު ސުނާމީ ބިނާ މައިޒާނުން ފެށިގެން ރަސްފަންނު ހިމެނޭގޮތަށް ތަރައްޤީކުރައްވާ ޖޮގިން ޓްރެކްގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމަވައި ބޭނުންކުރަން ފެށޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ޖޮގިންގ ޓްރެކް ވެގެންދާނީ، އެ ސަރަޙައްދުގައި ކަސްރަތުކުރާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ކަމަށެވެ. މި ޓްރެކް ތަރައްޤީކުރައްވަނީ ޒަމާނީ ފެންވަރަށް އެންމެފަހުގެ މެޓީރިއަލް ބޭނުން ކުރައްވައިގެންކަން ހައުސިންގ މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. ހުޅަނގު ފަރާތުގެ އިތުރުންވެސް މާލޭގެ އިތުރު ސަރަޙައްދެއްގައިވެސް ޖޮގިންގ ޓްރެކެއް ހެއްދެވުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެހެންނަމަވެސް އެއީ ކޮން ސަރަޙައްދެއްކަން އަދި ކަނޑަނާޅާކަމަށެވެ. ރަސްފަންނު ތަރައްޤީކޮށް ހުޅުވުމުން އެ ސަރަޙައްދުގައި ގިނަބަޔަކު ކަސްރަތުކުރުމުގައި ޙަރަކާތްތެރިވާ މަންޒަރު ދަނީ ފެންނަމުންނެވެ.