ކުޅިވަރު

10 ކުލަބެއްގެ ތާއީދާއެކު އެފްއޭއެމުގެ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފި


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިސްނަގައި، 10 ކުލަބެއްގެ ތާއީދާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފިއެވެ.

މާޒިޔާ އަކީ އެފްއޭއެމުން މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވާދަކުރައްވާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) އަށް ތާއީދުކުރަން ނިންމާފައިވާ ކުލަބެކެވެ. އެ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ކުލަބު ވެލެންސިއާއިން ދީފައިވާ ތާއީދު ސިޓީ ބަލައިނުގަންނަން އިލެކްޓޯރަލް ކޮމިޓީން ނިންމުމާއެކު، އިންތިޚާބުގައި ވާދަކުރައްވާ އެފްއޭއެމުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ޠާރިޤުގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ.

އިލެކްޓޯރަލް ކޮމިޓީގެ ނިންމުން ޠާރިޤު އިސްތިއުނާފުކުރެއްވި ނަމަވެސް، އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް އަދި މިހާތަނަށް ބޭއްވިފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެފްއޭއެމުގެ އަސާސީ ގަވާއިދާއި އިންތިޚާބީ ގަވާއިދާ ޚިލާފު ކޮމިޓީއަކުން އިންތިޚާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް، ފީފާ އާއި އޭއެފްސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ޠާރިޤު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެއާއެކު އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު އެފްއޭއެމުގެ އިންތިޚާބީ އެޕީލް ކޮޮމިޓީއެއް އޮންނަ އުސޫލުގެ ތެރެއިން އެކުލަވާލެވިފައިނުވާތީ، މި ކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅަން އެފްއޭއެމްގެ ދެ ބެލެނިވެރި ފަރާތް ކަމަށްވާ، ފީފާ އާއި އޭއެފްސީގައި އެދިފައިވާނެ ކަމަށެވެ.

އެހެންކަމުން މާޒިޔާ އިސްވެ، އެފްއޭއެމުގެ މެންބަރު 18 ކުލަބުގެ ތެރެއިން 10 ކުލަބެއްގެ ތާއީދާއެކު ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ގޮވާލާފައެވެ. އެކަމަށް ގޮވާލައި މާޒިޔާއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަން އަސާސީ ގަވާއިދު ލާޒިމުކުރާ ކޮމިޓީތައް ނެތުމާއި، އުސޫލާ ޚިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލެވިފައިވާތީ އާއި، ބައެއް މީހުން އިސްތިއުފާދީފައި ވުމެވެ. އެހެންކަމުން އެ އިދާރާ މުއައްސަސާއެއްގެ ގޮތުގައި ހިންގަން ހުންނަންޖެހޭ ކޮމިޓީތައް އެކުލަވާލުމަށްޓަކައި އެކަށީގެންވާ ތާއީދާއެކު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދޭ ކަމަށް މާޒިޔާއިން ވަނީ ބުނެފައެވެ.

މާޒިޔާގެ ޗެއާމަން އަޙްމަދު ސާޖިދު ސޮއިކުރައްވައި އެފްއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލާފައިވާ މި މަސައްކަތަށް ތާއީދުކޮށްފައިވާ ކުލަބުތަކަކީ ފުރަތަމަ ޑިވިޝަނުގެ ކުލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބުގެ އިތުރުން ދެވަނަ ޑިވިޝަނުގެ ކުޑަހެންވޭރު ޔުނައިޓެޑާއި، އެލްޓީ ސްޕޯޓްސް ކުލަބާއި، ބީޖީ ސްޕޯޓްސް ކުލަބާއި، ޓެންޓް ސްޕޯޓްސް ކުލަބާއި، މަހިބަދޫ ސްޕޯޓްސް ކުލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި އަދި ސީބީއެލް ސްޕޯޓްސްއެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، މާޒިޔާއިން ހުށަހަޅާފައިވާ ގޮތަށް 14 ދުވަހުގެ ތެރޭގައި އެކްސްޓްރާ ކޮންގްރެސް ބާއްވަން ޖެހޭނެއެވެ. އެ ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވައިފިނަމަ ތިން ދުވަސްތެރޭގައި ފީފާ އާއި އޭއެފްސީގެ އެހީއާއެކު ޓީމުތައް އަމިއްލައަށް ކޮންގްރެސް ބޭއްވޭނެއެވެ.

އެފްއޭއެމުގެ އިންތިޚާބާ ގުޅޭ ގިނަ މަސައްލަތަކެއް ފެންމަތިވެފައިވާއިރު، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް މީގެ ކުރިން އަންގަވާފައެވެ. ނަމަވެސް އެފްއޭއެމުގެ އިންތިޚާބުގެ ކަންކަން ހުއްޓާލާފައިނުވާ ކަމަށް އެ އިދާރާގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވަނީ ވިދާޅުވެފައެވެ.