ޚަބަރު

19 ވަނަ ނާމް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޔުގަންޑާއަށް ވަޑައިގެންފި


  • ނާމް ސަމިޓު ކުރިއަށްދާނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި

  • މިނިސްޓަރުންގެ ފެންވަރުގައި ބާއްވާ ބައްދަލުވުމުގައިވެސް ވަޒީރު ބައިވެރިވާނެ

  • ނާމްގެ މެންބަރަކަށް ރާއްޖެއިން ވެފައިވަނީ 1976 ގައި

ނަން-އެލައިންޑް މޫވްމަންޓް، ނާމްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ މެދުގައި ބާއްވާ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ޔުގަންޑާއަށް ވަޑައިގެންފިއެވެ.

19 ވަނަ ނާމް ސަމިޓު ކުރިއަށްދާނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި 19 ވަނަ ނާމް ސަމިޓުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވުމުގެ އިތުރުން، ނާމްގައި ހިމެނޭ ޤައުމުތަކުގެ ވަޒީރުންގެ ފެންވަރުގައި ބާއްވާ ބައްދަލުކުރެއްވުމުގައިވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ބައިނަލްއަޤްވާމީ ސުލަހައާއި އެއްބައިވަންތަކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުވެ ހުންނާނެކަމަށާއި، ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ނާމްގެ ތެރެއިން ރާއްޖެއިން މަސައްކަތްކުރާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ މެންބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ގައެވެ.