ޚަބަރު

ހުއްދަ ލިބިފައިވާކަން ކަށަވަރުކޮށްފައި ނޫނީ، ޢުމްރާއަށް ދާން ފައިސާ ނުދެއްކުމަށް އެދިއްޖެ


  • އުމްރާއަށް ގެންދާ ކުންފުނިތަކަށް ހުއްދަދެނީ ޖެހިޖެހިގެން 2 އަހަރަށް

  • ހުއްދަ ނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާކަމެއް

  • އެފަދަ ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީންވަނީ އަންގަވާފައި

ހުއްދަ ލިބިފައިވާ ކުންފުންޏެއްކަން ކަށަވަރުކޮށްފައި ނޫނީ، ޢުމްރާގެ އަޅުކަމަށް ދިއުމަށް އެޑްވާންސްކޮށް ފައިސާ ނުދެއްކުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

ވުޒާރާއިން މިގޮތަށް އިލްތިމާސްކުރެއްވީ ހުއްދަ ނުލިބެނީސް ކުންފުނިތަކުން ޢުމްރާގެ އަޅުކަމަށް ދާން އެދޭ މީހުންގެ އަތުން އެޑްވާންކޮށް ފައިސާ ނަގާކަން ފާހަގަވުމާއި ގުޅިގެން ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެ ވުޒާރާއިން ވަނީ މިގޮތަށް ފައިސާ ނަގަމުންދާ 2 ކުންފުންޏެއްގެ މައްސަލަ ބަލާ، އެ ދެ ކުންފުނީގެ މަޢުލޫމާތުވެސް އާއްމުކުރައްވާފައެވެ. އެ 2 ކުންފުންޏަކީ އަލް މަޝްޢަރު ޙައްޖު ޢުމްރާ" އާއި "ވަޑި ޙައްޖު އެންޑް ޢުމްރާ"އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފަށް އަދި މިނިސްޓްރީގެ ހުއްދަ ނެތި އުމުރާއަށް މީހުން ގެންދިއުމަށް އިޢުލާންކޮށް ފައިސާ ނަގަމުންދާ ކަމަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެވުޒާރާއަށް ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ މަނާކަމެއްކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް އެވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ ދަށުން މިހާރު ކުންފުނިތަކަށް ހުއްދަ ދެމުންދަނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ ދަށުން ހުއްދަ ލިބިގެން މެނުވީ އެއްވެސް ކުންފުންޏަކުން އެއްވެސް މީހެއްގެ އަތުން ނުވަތަ ބައެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެކަމަށެވެ. އަދި ޢުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ ޢުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީވެސް އުސޫލާއި ޚިލާފު ކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އުމްރާއަށް މީހުންގެ ގެންދިއުމާއި ބެހޭ އުސޫލުގެދަށުން ނަގަންޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން ޢުމްރާއަށް މީހުން ގެންދިއުމާއި، ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ފައިސާ ދެއްކުމަކީވެސް އުސޫލުގައި މަނާ ކަމެއްކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި މިއުސޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ އެފަރާތަކުން ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ވުޒާރާއިން ނެރުއްވި ބަޔާނުގައިވަނީ ވިދާޅުވެފައެވެ.

ޢުމްރާގެ ޚިދުމަތަށް ހުއްދަ ދެއްވާފައިވާ ކުންފުނިތަކުގެ ލިސްޓް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައިވަނީ އާއްމުކުރައްވާފައެވެ.