ޚަބަރު

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް

  • ބައެއް ފިހާރަތަކަށް މޫނު ނިވާކޮށްގެން ވަދެ ބިރުދައްކާ ފޭރުނު

  • ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި

ގަލޮޅު ބައެއް ފިހާރަތަކަށާއި ބޭސް ފިހާރަތަކަށް މޫނު ނިވާކޮށްގެން ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން، ފިހާރައިގެ ކޭޝިއަރަށް ބިރުދައްކައި ފޭރުނު މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ ޑިސެމްބަރުމަހުގެ 25 އިން ފެށީގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުށަހަޅާފައިވާ 3 މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖަނަވަރީ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.