ޚަބަރު

ކައުންސިލްތަކުގެ އޮޑިޓް ހެދުމަށް، އަތޮޅުތަކުގައި މީހުން ތަމްރީނުކުރަނީ


  • މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރުވެސް ވަނީ ކުރެވިފައި

  • އަތޮޅުތެރޭގައި ކައުންސިލްތައް އޮޑިޓު ކުރެވޭނެ ޔުނިޓެއް ޤާއިމްކުރުމަކީ އަމާޒެއް

ރަށު ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓް ހެދޭ ފެންވަރަށް، މީހުން ތަމްރީނުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފައްޓަވައިފިއެވެ.

ސިޓީތަކާއިބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރަށާއި، އަތޮޅާއި، ސިޓީ ކައުންސިލްތަކަކީ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދުތަކަށް އެއްގޮތްވާގޮތަށް، ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހެދުމަކީ ވުޒާރާގެ އަމާޒެއް ކަމަށެވެ. އެގޮތުން، ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓިންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު، ކޮންމެވެސް ވަރަކަށް އޮޑިޓުގެ މަސައްކަތް ކުރެވޭ ފެންވަރަށް އަތޮޅުތެރޭގައި މީހުން ތަމްރީނު ކުރައްވާފައިވާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އަމާޒަކީ މިތަމްރީން ޕްރޮގުރާމުގެ ތެރެއިން ކޮންމެ އަތޮޅެއްގައިވެސް އޮޑިޓަރުންގެ ގުރޫޕެއް ނުވަތަ ޔުނިޓެއް ޤާއިމްކުރެއްވުން ކަމަށެވެ. އަދި އެއަތޮޅެއްގެ އޮޑިޓު ޔުނިޓުން، އަތޮޅަށް ނިސްބަތްވާ ކައުންސިލްތަކުގެ އޮޑިޓުގެ މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދާއި ހަމައަށްވެސް ކައުންސިލްތަކުގެ އޮޑިޓުތައް ހަދަނީ އޮޑިޓު އޮފީހުންނެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި 200އަށްވުރެ ގިނަ ކައުންސިލްތައް ހުންނައިރު، ކޮންމެ ކައުންސިލެއްގެ އޮޑިޓު ރިޕޯޓު ހެދުމަށް، އޮޑިޓު އޮފީހަށް ދަތިވާނެކަމަށެވެ.

"އަތޮޅުތަކުގައި، ކައުންސިލްތައް އޮޑިޓު ކުރާނެ ރަނގަޅު ބޭފުޅުންތަކެއް އުފައްދާ، ކޮންމެ އަތޮޅެއްގައި އޮޑިޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. އެ މަސައްކަތް މީގެ ކުރިންވެސް ކުރެވިފައިވޭ، އަދި އިތުރު އޮޑިޓަރުން އުފެއްދުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމުތަކުގެ ތެރެއިން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަކީވެސް، އެވުޒާރާގެ ވަރަށް ބޮޑު އަމާޒެއްކަމަށް ވިދާޅުވެ، އިޤްތިޞާދާއި ބެހޭ ވުޒާރާ އާއިއެކު، ކައުންސިލްތަކުން ކުންފުނި އުފައްދާ، ނަފާ ލިބޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުންފުނި އުފެއްދުމާއި، ކުންފުނިތަކުން ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވައި އެކަންކަމާއި ގުޅޭ މަޢުލޫމާތު ބައެއް ކައުންސިލްތަކާއި ހިއްސާކުރައްވާފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.