ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، "ޔެސް ޓީވީ" އިފްތިތާޙު ކޮށްދެއްވައިފި


ޔެސް ޓީވީ ޗެނަލް ރަސްމީކޮށް މިރޭ އިފްތިތާޙު ކުރައްވައިފިއެވެ.

މި ޗެނަލް އިފްތިތާޙުކޮށްދެއްވީ، އޮލިމްޕަހުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޔެސް ޗެނަލް އަކީ ޕީއެސްއެމުން އަލަށް އުފެއްދި ދެވަނަ ޓީވީ ޗެނަލެވެ. ޓީވީ މޯލްޑިވްސް އާއި މަޖްލިސް ޓީވީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންދާއިރު ޕީއެސްއެމް އާއި ޔޫތް މިނިސްޓްރީ ގުޅިގެން އުފައްދާފައިވާ ޔެސް ޗެނަލް މެދުވެރިކޮށް ޔޫތް، އެންޓަރޓެއިންމަންޓް، އަދި ސްޕޯޓްސްގެ ޙަރަކާތްތައް ޕީއެސްއެމުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާނެއެވެ. މިޗެނަލް މީޑިއާ ނެޓްގެ 124 އިން ލިބޭނެއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ސެޓަލައިޓް މެދުވެރިކޮށްވެސް މި ޗެނަލްގެ ޚިދުމަތް ލިބޭނެއެވެ. އަދި އަތޮޅުތެރޭގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށްވެސް މިޗެނަލްގެ ޚިދުމަތް ދިނުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޕީއެސްއެމް އިން ބުނެއެވެ.

ޔެސް ޗެނަލް އިފްތިތާޙްކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ ޔެސް ޗެނަލްއާއެކު ކުރިއަށްއޮތް 3 އަހަރުގެތެރޭގައި މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ ނަމުގައި އިތުރު ޗެނަލެއް އުފެދިގެންދާނެކަމަށެވެ.

މިޙަފްލާގައި ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކު ދެއްކެވި ވާހަކަފުޅުގައި މަސައްކަތްތެރީންގެ މަސައްކަތް ވަޒަންކޮށްދޭ ޚާއްސަ މަސައްކަތްތެރިންނަކީ ނޫސްވެރިންކަން ފާހަގަކުރައްވާ، ޔެސް ޗެނަލްއަކީ ނޫސްވެރިކަމުގެ ހަޔާތުގައި އިތުރުވެގެންދިޔަ ލަފްޒެއްކަމަށް ވިދާޅުވިއެވެ. މަނިކު ވިދާޅުވީ، ޔެސް ޗެނަލް ފަދަ ޗެނަލަކީ ގިނަބައެއްގެ އުއްމީދާއި ގުޅިފައިވާ ޗެނަލެއްކަމަށާއި މިއާއެކު ފަންނުވެރި މުރާލި ޖީލެއް ބިނާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ޔެސް ޗެނަލާއެކު ވަޒީފާގެ ފުރުސަތުތައް މުޅި ރާއްޖެއަށް ހުޅުވާލާނެކަމަށްވެސް މަނިކް ވިދާޅުވިއެވެ.

މަނިކުގެ ވާހަކަފުޅުގައި ޕީއެސްއެމްއިން ނިއުސް އެޖެންސީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ، ނިއުސް އެޖެންސީއެއް އުފައްދާ ޤައުމުގައި ހިނގާ ކަންކަމުގެ ވީޑިއޯ އޯޑިއޯ އަދި ފޮޓޯ އެހެން މީޑިއާތަކަށް ބޭނުންކުރެވޭނެގޮތަށް އޭގެ ރޯ މެޓީރިއަލްސް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ޔެސް ޗެނަލްއާއެކު ދިވެހި ތާރީޚުގައި މިހުޅުވިގެންދިޔައީ އާ ސަފްޙާއެއްކަމަށެވެ. އަދި މި ޗެނަލް މެދުވެރިކޮށް ޒުވާނުންނަށް އުފާވެރި އުއްމީދީ މާހައުލެއް ހޯދައިދޭނެކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

ޔެސް ޗެނަލް އިފްތިތާޙްކުރުމަށް ބޭއްވި ޙަފްލާ ރާއްޖޭގެ ތިން ސަރަޙައްދަކުން ވަނީ ވަގުތުން ގެނެސްދީފައެވެ. މިޙަފްލާގައި ދައުލަތުގެ ވަޒީރުންނާއި، ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ޔޫތް މިނިސްޓްރީ އާއި ޕީއެސްއެމްގެ އިސްވެރިންނާއި  މުވައްޒަފުން ބައިވެރިވެފައިވެއެވެ.