އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި އެންމެ ފަހުގެ ޗެމްޕިއަން ސެނެގޯލްއިން މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.
އައިވަރީ ކޯސްޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު މެޗުން ސެނެގޯލް މޮޅުވީ 10 މީހުންނާއެކު ކުޅުނު ގެމްބިއާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ހަތަރުވަނަ މިނެޓުގައި ސެނެގޯލްއިން ލީޑު ނެގީ ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެޕޭ ގުއޭއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާޑިފް ސިޓީއަށް ކުޅެމުން އަންނަ ގެމްބިއާގެ މިޑްފީލްޑަރު އިބޯއޫ އެޑަމްސްއަށް ވަނީ ބޯޅަ ނެތީސް ކުރި ފައުލަކާ ގުޅިގެން ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މި މެޗުގެ ދެވަނަ ހާފް ފަށައިގެން މާގިނައިރެއް ނުވެ ސެނެގޯލްއިން ލީޑު ފުޅާކުރީ ލަމީން ކަމާރާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މި މެޗުގައި ސެނެގޯލްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީވެސް ކަމާރާއެވެ.
މި މެޗުން ސެނެގޯލް މޮޅުވިއިރު، އެންމެ ފަހުން ކުޅުނު ފަސް މުބާރާތުގައިވެސް އެ ޓީމު ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ކެމަރޫނުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ގިނީއާ ވާދަކޮށް އެއްވަރުވެފައެވެ. 10 މީހުންނާއެކު ކުޅުނު ގިނާއާ ދެކޮޅަށް ކެމަރޫނުން ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ދުނިޔޭގެ ރޭންކިންގެ 80 ވަނައިގައި އުޅޭ ގިނީން ވަނީ މި މެޗުގެ 10 ވަނަ މިނިޓުގައި ލީޑު ނަގައި، ކެމަރޫން ސިއްސުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ބަޔޯއެވެ. މިއީ ގިނީއަށް ކުޅުނު 19 މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އެކަމަކު ކެމަރޫނުން ނަތިޖާ އެއްވަރުކުރީ މެޗުގެ ދެވަނަ ހާފުގައި ޖާގޯސް ކެވިން އެންކުޑޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްރެންކް މެގްރީ ކާމިޔާބުކުރި ލަނޑުންނެވެ.
މީގެ އިތުރުން މި މުބާރާތުގައި ރޭ އެންގޯލާ އާއި އަލްޖީރިއާ ވާދަކުރި މެޗު ނިމުނީ 1-1 ލަގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.