ކުޅިވަރު

ގައުމީ ލީގަށް ގެނައި ބަދަލާއެކު އެޑަމް އުއްމީދުގައި


ގައުމީ ބާސްކެޓްބޯޅަ ލީގުގައި ހަމައެކަނި ދިވެހި ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް މި ފަހަރު ގެނައި ބަދަލަކީ ދުރަށް ވިސްނައިގެން ނިންމި ނިންމުމެއް ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން އެޑަމް ވިދާޅުވީ ބިދޭސީ ކުޅުންތެރިން ގެނައުމުން ހަގީގީ މާނާގައި ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާނުވާ ކަމަށެވެ. އެކަމުގެ ތަފްސީލު ދެއްވަމުން އެޑަމް ވިދާޅުވީ ބާސްކެޓަކީ ކޮންޓެކްޓް ކުޅިވަރަކަށްވުމުން، މުބާރާތަށް އަންނަ ބިދޭސީ ކުޅުންތެރިންވެސް ޗެލެންޖް ކުރަނީ އިދިކޮޅު ޓީމުތަކުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަށް ކަމަށެވެ. އޭގެ ބަދަލުގައި ދިވެހި ކުޅުންތެރިން ޗެލެންޖް ކުރަންވާނީ ބިދޭސީ ކުޅުންތެރިންނާ ކަމަށާއި، އެ ވިސްނުމުގައި ކުޅެގެން ނޫން ގޮތަކަށް ރާއްޖޭއަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރިއެރުން ނުހޯދޭނެ ކަމަށްވެސް އެޑަމް ވިދާޅުވިއެވެ.

މުބާރާތަށް މިކަހަލަ ބަދަލެއް ގެނުމައްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މީގެ ކުރިން ކުރެއްވިކަން ފާހަގަކަރައްވަމުން އެޑަމް ވިދާޅުވީ މި ހުރިހާ ބަދަލެއްވެސް ފެނިގެން މިދަނީ ޓީމުތަކުގެ އޮފިޝަލުންނާއި، ކޯޗުންނާ މަޝްވަރާ ކުރެވިގެން ކަމަށާއި، މި ފަހަރު މި ބަދަލު ގެންނަންވެސް ދޮޅު އަހަރު ޓީމުތަކާއެކު މަޝްވަރާ ކުރެވިގެންދިޔަ ކަމަށެވެ. އަދި ބާސްކެޓަކީ ކޮންޓެކްޓް ސްޕޯޓްސް އަކަށްވުމުން ސްޓްރަކްޗާއަށް ބަދަލު ގެންނައިރު ވަރަށް ބޮޑު ތަފާތެއް އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"
މިދިޔަ އަހަރު އަޅުގަނޑުމެން ޓެސްޓަކަށް އެމްބީއޭ ޗެމްޕިއަންޝިޕް ނިންމާލާފައި، ބޭރު ޓީމެއް ގެނެސްގެން މުބާރާތެއް ބޭއްވިން. ބޭއްވީމަ އެ ކުޅުންތެރިންނަށް މަޑުމަޑުން އަންނަ ބަދަލު ފާހަގަކުރެވުނު.
އަޙްމަދު އާދަމް (އެޑަމް) - އެމްބީއޭގެ ރައީސް

އެޑަމް ވިދާޅުވީ މި މުހިންމު ބަދަލު މި ފަހަރު ގެންނަން ވިސްނި އެންމެ ބޮޑު ބޭނުމަކީ ރާއްޖެއިން ކުރިއަށް އޮތްތަނުގައި ވާދަކުރަން ހަމަޖެހިފައިވާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ވިސްނުމަށްފަހު ކަމަށެވެ. އެގޮތުން މި އަހަރު ސަރަހައްދީ ޗެމްޕިއަންސް ލީގެއް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ ކުޅުންތެރިން އެކަމަށް ހޭނިފައި ތުބަމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެޑަމް ވިދާޅުވީ ބާސްކެޓްގައި މިހާރު މުހިންމު ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ވާދެވެރި މެޗުތަކެއް އިތުރަށް ލިބުން ކަމަށާއި، ގައުމީ ލީގުގެ މައިގަނޑު މަގުސަދަކީ ކުޅުންތެރިން ދެން ހުރި މުބާރާތްތަކަށް ތައްޔާރުކުރުން ކަމަށެވެ.

ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަނުގެ ކުޅުން މާދަމާރޭ ފެށިގެންދާއިރު، މި އަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ރޭ ވަނީ ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިންގެ މެދުގައި ޚާއްސަ އެގްޒިބިޝަން މެޗެއް ކުޅެފައެވެ.