އަމާޒަކީ ރާއްޖޭގެ ވިޔަފާރިއަށް ފައިނޭންޝިއަލް ޓެކްނޮލޮޖީ، ފިންޓެކް ތަޢާރަފްކުރުން ކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ނައިބު ރައީސް ހަސަން ޝަމާމް ވިދާޅުވެއްޖެއެވެ.
ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމްޢިއްޔާގެ ނައިބު ރައީސް ހަސަން ޝަމާމް ވިދާޅުވީ އެ ޖަމްޢިއްޔާގެ އެންމެ ބޮޑު އަމާޒަކީ ފިންޓެކް އިކޮނޮމީއެއް ތަޢާރަފްކުރުންކަމަށެވެ. ޝަމާމް ވިދާޅުވީ ފިންޓެކް އިކޮނޮމީއަކީ ތަފާތު ގިނަ ދިރާސާތަކެއް ބޭނުންވާ ވިޔަފާރިއެއްކަމަށާއި ޒުވާނުންނަށް ފައިދާ ކުރާނެ ގޮތަށް މި ވަޞީލަތުގެ ބޭނުން ހިފުމަށް މަސައްކަތް ކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ ރައީސް ޝަހްމީދު ޢަބްދުﷲ ވިދާޅުވީ ވިޔަފާރީގެ މައިދާނުގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރުގެ ތާށިކަމާއި ތަކެތީގެ އަގުބޮޑުވުން ކަމަށެވެ. އެ ކަން ޙައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތްތަނުގައި ޑޮލަރުގެ އަގު ތިރިވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ފަށާ ގިނަ ވިޔަފާރިތަކަކީ ޒުވާނުން ހިއްސާވާ ވިޔަފާރިތަކެއްކަން ފާހަގަކުރައްވަމުން ޝަމްހީދުވަނީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގައި އާންމު ކުދި ވިޔަފާރިތައް ބައިވެރިކުރުމަށް އެދިވަޑައިގެންފައެވެ.
ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއަކީ ރާއްޖޭގެ ވިޔަފާރީގެ ސިނާޢަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.